ރައީސްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، އަދަދު ނޫހުން ނެރުނު ‘އައިޝާ’ ޑޮކިއުމެންޓްރީ ރައީސް ދޮގުކުރައްވައިފިއެވެ.
ރައީސް މިކަން ދޮގުކުރެއްވީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުން މިކަމާ ވިދިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ އެ ޑޮކުމެންޓްރީގެ ހުރިހާ ވާހަކަތަކަކީ ވެސް ދޮގު ވާހަކަ ތަކެއްކަމަށެވެ. އަދި މިފަދަ ދޮގުވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
“ކަނޑައެޅީގެން ދޮގު ވާހަކަ އެއް. ދެން އަދަދު ނޫހުން ތިވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ އެއް. އެެހެންމަ ކަނޑައެޅިގެން ދޮގުވާހަކައެއް ހިމެނޭ ގޮތަށް ތިބޭފުޅުން ތި ވީޑިއޯ ތިހެއްދެވީ. މިފަދަ ދޮގުވާހަކަ ދެއްކެވި ހުރިހާ ފަރާތްތަކާ ދެކޮޅަ ދައުވާ ކުރާނަން.” ރައީސް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ވަރަށް ގާތްކޮށް، އަދަދު ނޫހުން ނެރުނު ‘އައިޝާ’ ޑޮކުމެންޓްރީއަކީ، ކުރިން ރައީސް އޮފީހުގައި މަސައްކަތް ކުރި އަންހެނަކު ރައީސްގެ މައްޗަށް ސީރިޔަސް ތުހުމަތުތަކެއް ކޮށްފައިވާ އިންޓަވިއުއެކެވެ. އޭނާއާ ރައީސްއާ ދެމެދުގައި ބަދަލުކޮށްފައިވާ ޗެޓު ލޮގާއި ކޯލް ލޮގުތައް އަދަދު ނޫހަށް ދައްކާފައިވާ ކަމަށް ވެސް އެ ނޫހުން ވަނީ ބުނެފައެވެ.