ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ބާޒާރުގައި އިޝްތިހާރުކޮށް ކުރިއެރުވުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރާ ކުންފުނި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އާ ހަތަރު މެންބަރަކު އައްޔަންކޮށްފިއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލު ގެނައުމުގެ ޒިންމާ އޮންނަ ޕީސީބީން ވިދާޅުވި ގޮތުގައި، ވިޒިޓް މޯލްޑިވްސްގެ ބޯޑަށް މިއަދު އައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ:
- ހުދާ ފަހީމް (ކ. ތުލުސްދޫ / ވިލަރެސް)
- އާއިޝަތު މަލްހާ (ރ. ރަސްގަތީމް / ރަސްވެލި)
- އަލީ ސިނާން (މއ. ރިހިރާޅު)
- އާއިޝަތު އަލީ (މ. ވާރޭވިލާ)
ކުރިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ނަމުގައި ހިންގަމުން އައި މި ކުންފުނީގެ ނަން “ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން” އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަދަލުކުރެއްވީ 13 ޖުލައި 2025 ގައެވެ. މި ބަދަލަކީ ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔޭގެ އެންމެ މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ އިސްތިރާޖީ ސިޔާސަތުގެ ދަށުން ގެންނެވި ބަދަލެކެވެ.
މި އާ އައްޔަންކުރުންތަކާއެކު ވިޒިޓް މޯލްޑިވްސްގެ ބޯޑު މިހާރު ވަނީ އިތުރަށް ފުޅާވެފައެވެ. މިހާރު އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ އަބްދުﷲ ގިޔާސް ރިޔާޒެވެ. އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން ގެންދަވަނީ އިބްރާހީމް ޝިއުރީއެވެ. މީގެ އިތުރުން މާހާ ނަސީރު، އާމިނަތު ވުލާއު މުހައްމަދު ނާޒިމް، އަބްދުލްސަމީއު އިމާދު، އާއިޝަތު ހަމީދު އަދި ސަބީހާ އަހުމަދު ވެސް ބޯޑު މެންބަރުންގެ ގޮތުގައި ތިއްބަވައެވެ.
ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތައް ބައިނަލްއަގުވާމީ މައިދާނުގައި ހަރުދަނާކަމާއެކު މާކެޓްކޮށް، ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް އާ އުސްމިންތަކަކަށް ގެންދިއުމެވެ.