400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވެޕް އެގްރިމަންޓުގެ ދަށުން ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަން ޖެހޭ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދައްކާ ހަލާސްކޮށްފިއެވެ.
މި ފައިސާއަކީ “ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީޒް 2024-2027” ގެ ދަށުން، މިދިޔަ އޮކްޓޫބަރު މަހު އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރް.ބީ.އައި) އާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ބޭނުންކުރި ފެސިލިޓީއެކެވެ.
ހާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭނުންކުރި 400 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީ އެމްއެމްއޭ އިން މިހާރު ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ބަޖެޓަށް އެހީވުމަށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލްގެ ތެރެއިން 50 މިލިއަން ޑޮލަރު ވެސް މިހާތަނަށް ސަރުކާރުން ވަނީ ދައްކާފައެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު މި ކަރަންސީ ސްވޮޕް އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމަށް ފަހުގައެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން ސްވޮޕް ނެގުމުގެ ފުރުސަތު އެމްއެމްއޭއަށް ލިބިގެންދެއެވެ. އެއީ:
- އެމެރިކާ ޑޮލަރު/ޔޫރޯ ވިންޑޯ: މީގެ ދަށުން 400 މިލިއަން ޑޮލަރާ ހަމައަށް ސްވޮޕް ނެގޭނެއެވެ.
- އިންޑިއަން ރުޕީ ވިންޑޯ: މީގެ ދަށުން 30 ބިލިއަން އިންޑިއަން ރުޕީސްއާ ހަމައަށް ފައިސާ ނެގޭނެއެވެ.
ޑޮލަރު/ޔޫރޯ ސްވޮޕް ފެސިލިޓީއަކީ ކުރުމުއްދަތުގެ ފޮރިން އެކްސްޗޭންޖް ބޭނުންތަކަށް އެހީތެރިވުމަށް ބޭނުންކުރާ ވަސީލަތެކެވެ. އަދި އިންޑިއަން ރުޕީސް ސްވޮޕް ފެސިލިޓީގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް، އެ ގައުމަކަށް ނިސްބަތްވާ ފައިސާއިން ކުރުމަށް މަގުފަހިވެގެންދާނެއެވެ.
އެމްއެމްއޭއިން އެންމެ ފުރަތަމަ މިފަދަ އެއްބަސްވުމެއްގައި ސޮއިކުރީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އޭގެ ފަހުން ސްވޮޕަކީ ރާއްޖޭގެ ރިޒާވް މެނޭޖްކުރުމަށް ބޭނުންކުރާ މުހިންމު ވަސީލަތަކަށް ވަނީ ވެފައެވެ.
މި 400 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރުމުގެ އިތުރުން، މި މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން އެމެރިކާ ޑޮލަރު ވެސް ދައްކާފައެވެ. މި ހުރިހާ ދަރަންޏެއް ސަރުކާރުން އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ.