ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން ކާމިޔާބު ކުރައްވައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީގައާއި މާލޭގައި ކުރިއަށްދިޔަ މި އިންތިޚާބުގައި ސިނާނާ ވާދަކުރެއްވީ އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ މޫލެކެޑެ ދާއިރާގެ މެންބަރު އަހުމަދު ސައީދު (ސޮޑާ) އެވެ.
މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 727 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 422 މީހުންނެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ސިނާން މި އިންތިޚާބު ކާމިޔާބު ކުރެއްވީ ޖުމްލަ 226 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އަހުމަދު ސައީދަށް ލިބިވަޑައިގެންނެވީ 189 ވޯޓެވެ.
މާލޭގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާއަށް ބަލާއިރު، ސިނާނަށް 59 ވޯޓު ލިބިވަޑައިގެންނެވިއިރު، ސައީދަށް ލިބިވަޑައިގެންނެވީ 39 ވޯޓެވެ. އަދި އައްޑޫގައި ބެހެއްޓި ފޮށިން ސިނާން 167 ވޯޓު ހޯއްދެވިއިރު، ސައީދަށް ލިބިވަޑައިގެންނެވީ 150 ވޯޓެވެ. މި ޕްރައިމަރީގައި ބާތިލު ވޯޓުގެ ގޮތުގައި ޖުމްލަ 7 ވޯޓު ގުނާފައިވެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މި ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިޢުލާން ކުރައްވާފައެވެ. ސިނާން މި އިންތިޚާބުގައި ވާދަކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތާއީދާއެކު ޕީއެންސީގެ ރަސްމީ ކެންޑިޑޭޓުގެ ގޮތުގައެވެ.