ރާއްޖޭގެ ތިން އަތޮޅެއްގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުން އައި ޔޫޓިލިޓީ ޚިދުމަތްތައް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ނިންމެވުމުގެ މަތިން، ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކުގެ ތެރެއިން ގެނައި ބަދަލެކެވެ. މި ނިންމުމާއެކު ބ، ޅ އަދި މ އަތޮޅުގެ ރަށްތަކުގެ ހުރިހާ ޔޫޓިލިޓީ ޚިދުމަތެއް ދެން ބަލަހައްޓަމުންދާނީ ސްޓެލްކޯއިންނެވެ.
މިކަމަށްޓަކައި މިއަދު ފެނަކަ ކޯޕަރޭޝަންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ތައުފީގެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުހަރެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ފެނަކައިގެ ޑީއެމްޑީ އާދަމް ތައުފީގު ވިދާޅުވީ، މި ބަދަލާއެކު އެ ތިން އަތޮޅުގައި ފެނަކައިން ދެމުން އައި ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތްތައް އެއްކޮށް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުވާނެ ކަމަށެވެ.
ސްޓެލްކޯގެ ޑީއެމްޑީ ޑރ. އަލީ އަޒުހަރު ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން އެ ތިން އަތޮޅުގެ ރަށްތަކުގެ ޔޫޓިލިޓީ ޚިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބި، ޚިދުމަތުގެ ފެންވަރު އިތުރަށް ތަރައްޤީވެގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން ބ، ޅ އަދި މ އަތޮޅަށް ނިސްބަތްވާ ޖުމްލަ 25 ރަށެއްގެ ޚިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވާނެއެވެ. މިއާއެކު، ގްރޭޓަރ މާލެ ސަރަހައްދާއި، ބ، ޅ، ކ، އއ، އދ، ވ އަދި މ އަތޮޅު ހިމެނޭހެން ޖުމްލަ 61 ރަށެއްގައި ސްޓެލްކޯއިން ޔޫޓިލިޓީ ޚިދުމަތް ފޯރުކޮށްދޭން ފަށާނެއެވެ.
މި ބަދަލަކީ ރާއްޖޭގެ ޔޫޓިލިޓީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.