ކުޅިވަރުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު އެޑްމިނިސްޓްރޭޓަރު އަދި ކުރީގެ މަޝްހޫރު ދުވުންތެރިޔާ މުޙައްމަދު ހާނިމް، ޑެޕިއުޓީ ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަޤާމަށް މިއަދު އައްޔަންކުރައްވައިފި އެވެ.
މިއީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ. ކުޅިވަރު ޤާނޫނުގެ ދަށުން ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަޤާމު އުފައްދާފައިވީ ނަމަވެސް، އޭނާގެ ނައިބެއްގެ މަޤާމަކީ މީގެ ކުރިން ބޭނުންކޮށްފައިވާ މަޤާމެއް ނޫނެވެ. ކުޅިވަރު ކްލަބް ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަޤާމުގައި މިހާރު ހުންނެވީ މުޙައްމަދު ތޮލާލެވެ.
ހާނިމް އަކީ މިހާރު ސްކޭޓިން އެސޯސިއޭޝަނުގެ ރައީސްގެ އިތުރުން، މީގެ ކުރިން ސްޕޯޓްސް މިނިސްޓްރީގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޒުވާން ދުވަސްވަރު ބާރު ދުވުންތެރިއެއްގެ ގޮތުގައާއި ޤައުމީ ފެންވަރުގެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯއްދަވާފައެވެ. އެގޮތުން 1988 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ވާދަކުރި ސޯލް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރެއްވުމުގެ އިތުރުން، 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ޤައުމީ ޓީމުގެ މެނޭޖަރަކީވެސް ހާނިމްއެވެ.
އެތުލެޓިކްސް އާއި ސްކޭޓިން ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ހާނިމް، ސަރުކާރުގެ އެކި މަގާމުތަކުގައި ކުޅިވަރު ސިޔާސަތުތައް ތަންފީޒުކުރައްވައި އިދާރީ ހިންގުން ހަރުދަނާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. ސްޕޯޓްސް ކޮމިޝަނަރުގެ މަގާމާއެކު، ކުޅިވަރު ޖަމްއިއްޔާތައް ރެގިއުލޭޓްކޮށް، ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް އޭނާގެ ތަޖުރިބާގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ ކަމަށް ސަރުކާރުން ބަލައެވެ.
ހާނިމްގެ އިތުރުން، ކުޅިވަރާ ބެހޭ ވުޒާރާއިން މިއަދު ވަނީ “ސްޕެޝަލް އެޑްވައިޒަރު ޓް ދަ މިނިސްޓަރ އޮން ސްޕޯޓްސް” ގެ މަޤާމަށް ދިވެހި ފުޓްބޯޅައިގެ ފާހަގަކޮށްލެވޭ ޝަޚްސިއްޔަތެއް ކަމަށްވާ މައުރޫފް އަޙްމަދު (މާއްޓޭ) ވެސް އައްޔަންކުރައްވާފައެވެ.
މާއްޓޭއަކީ ވިކްޓްރީ ސްޕޯޓްސް ކްލަބަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުއްވައި، ފަހުން އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗެކެވެ. މީގެ އިތުރުން އޭނާ ވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކި މަޤާމުތައްވެސް ފުރުއްވާފައެވެ.
ސްޕޯޓްސް މިނިސްޓްރީން މި ދެ މަޤާމަށް ބޭފުޅުން އައްޔަންކުރެއްވީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ތަޖުރިބާކާރު ބޭފުޅުންގެ ލަފައާއި އިރުޝާދުގެ ދަށުން ކުޅިވަރު ކުރިއެރުވުމުގެ މަޤްޞަދުގައެވެ. ސަރުކާރުން އަންނަނީ ކުޅިވަރުގެ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.