ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް ދޭއްގެ ކަފިހިހުރަސް ސަރަހައްދުގެ ފުރާޅު މަރާމާތު ކުރުމުގެ މުހިންމު މަސައްކަތެއް ފެށުމަށްޓަކައި، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނިންމައިފި އެވެ.
އެމްއޭސީއެލް އިން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލުތައް އަމަލީ ގޮތުން ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫ ނާރާނޭހެން މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެވެސް ދަންވަރު 12:00 އިން ފަތިހު 5:00 އަށެވެ.
މި ވަގުތުތަކުގައި ޓްރެފިކަށް އަންނާނެ މައިގަނޑު ބަދަލުތަކަކީ ޓެކްސީ ދަތުރުތައް:ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ޓެކްސީތައް މަޑުކުރަން ޖެހޭނީ ޓާމިނަލް އެކެއްގެ ޑިޕާޗާ ގޭޓް 1 ނުވަތަ 2 އަށެވެ. މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ޓާމިނަލް ދޭއްގެ ޓެކްސީ ސްޓޮޕް އޮންނާނީ ބަންދުކޮށްފައެވެ. އަދި އާންމު ބަހުގެ ހިދުމަތް:އެމްޓީސީސީގެ ބަސްތަކުން ފަސިންޖަރުން ބޭލުމާއި އެރުވުމުގެ ކަންކަން ކުރިއަށްދާނީ ހަމައެކަނި އެއާޕޯޓުގެ ހުޅަނގު ފަރާތުގައިވާ ސައިކަލް ޕާކިން ސަރަހައްދުގައި ހުންނަ ބަސް ހުއްޓިއަށެވެ.
އެމްއޭސީއެލްގެ އެތެރޭގެ ބަސް ރޫޓް:އިންޓާނަލް ބަސް ރޫޓް 1 ގެ ދަތުރުތައް ޓާމިނަލް އެކެއްގެ ޑިޕާޗާ ގޭޓަށް ނިންމާލާއިރު، ވޯޓާ ސަޕްލައި ސަރަހައްދަށް ދަތުރުކުރާ ބަސްތައް ފަށާނީ ޓާމިނަލް ދޭއްގެ ކުރިމަތީގައި އޮންނަ ބުރު ކައިރިންނެވެ.
އެމްއޭސީއެލް އިން އިތުރަށް ވިދާޅުވީ، މި ބަދަލުތަކުގެ ސަބަބުން ބަސްތަކުގެ ޝެޑިއުލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މި ބަދަލުތައް ހަމައެކަނި ހިނގާނީ ކަނޑައެޅިފައިވާ ދަންވަރުގެ ވަގުތުތަކުގައި އެކަނި ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ. އެހެންކަމުން، އެއާޕޯޓަށް ދަތުރުކުރާ ފަރާތްތަކުން މި ބަދަލުތަކަށް ސަމާލުވުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.