ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަޝްރޫއުގެ ދަށުން އެރަށުގައި ޖުމްލަ 11 ހެކްޓަރުގެ ބިން ވަނީ އަލަށް ހިއްކާފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތުގައި ޖުމްލަ 396،000 ކޮޑި މީޓަރުގެ ވެލި ވަނީ ބޭނުންކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވެފައިވާ ފަދައިން، މި މަސައްކަތް ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގޮސް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވަނީ ނިންމާލެވިފައެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. މަސައްކަތް އެއްކޮށް ނިންމާލެވުނީ 18 އޭޕްރީލް 2026 ގައެވެ. މިގޮތުން އެންމެ 8 ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު ނިންމާލާފައިވާއިރު، މިއީ ރައީސް ލަފާކުރެއްވި 10 ދުވަހަށްވުރެ އަވަސް މުއްދަތެކެވެ.
މި މަޝްރޫއަށް ބޭނުންކޮށްފައިވަނީ އެމްއޭސީއެލް އިން ބޭނުންކުރާ “ފިލިޕޯ ބްރުނެލެޝީ” ނަމަކަށް ކިޔާ ބޮޑު ޑްރެޖަރެކެވެ. މިއީ އެއްފަހަރާ 11،300 އާއި 11،500 އާ ދެމެދުގެ ކޮޑި މީޓަރުގެ ވެލި އުފުލުމުގެ ގާބިލުކަން ލިބިގެންވާ ޒަމާނީ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ.
“ފިލިޕޯ ބްރުނެލެޝީ” ޑްރެޖަރުން އެންމެ ފަހުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ތ. ވޭމަންޑޫގައެވެ. އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތްވެސް އެންމެ 23 ދުވަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ.
ގާދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ނިމުމަކީ އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމެކެވެ. މި ސަރުކާރުގެ ތަރައްގީގެ ތަސައްވުރުގެ ދަށުން ރަށްރަށުގެ ބިން އިތުރުކޮށް، ރައްޔިތުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.