މާލޭގައި ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާގެ ބައިވެރިއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން ރަސްމީކޮށް ދޮގުކޮށްފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ކަސްޓަމްސް ބިލްޑިންގު ފަހަތުގައި މުޒާހަރާގެ ބައިވެރިން ތިއްބައެވެ. އެ ސަރަހައްދުގައި ހުރި މީހަކު ކުއްލިއަކަށް ވެއްޓި، ހާލު ދެރަވުމާ ގުޅިގެން އޭނާ އުފުލާލައިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. މުޒާހަރާގެ ބައިވެރިން ތުހުމަތުކުރި ގޮތުގައި، އެ މީހާގެ ހާލު ދެރަވީ ފުލުހުން ކަރަންޓު މުގުރު ބޭނުންކުރުމުގެ ސަބަބުންނެވެ. އަދި އެމީހާގެ އަނގައިން ފޮނިތަކެއް އެރި ކަމަށާއި، އުނަގަނޑުން ތިރި ވާގިނެތިފައިވާ ކަމަށް ބުނެ އެ ސަރަހައްދުގައި ތިބި މީހުން ދިޔައީ އަޑުއުފުލަމުންނެވެ.
މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާ އެ މީހާގެ ހާލަތާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ރޭގެ އެއްވުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފައެވެ.
“އެއްވުމާ ގުޅިގެން ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫންކަމުގެ ޔަގީންކަން އަރުވަން،” ފުލުހުންގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ހިދުމަތްތަކަށް ނޭދެވޭ އަސަރުކުރާކަން ފާހަގަކޮށް، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހު މެނުވީ ހަބަރު ނުފެތުރުމަށް މީޑިއާތަކަށާއި އާންމުންނަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.