ސަޢުދީ ޢަރަބިއްޔާއިން ދުނިޔޭގެ އެއްވެސް ޤައުމަކަށް ޙައްޖު ކޯޓާ އިތުރުކޮށްދޭން ނިންމައިފިނަމަ، އެ ފުރުޞަތު ރާއްޖެއަށް ލިބިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މިވަގުތު އެއްވެސް ޤައުމަކަށް ކޯޓާ އިތުރުނުކޮށް އޮތީ މައްކާއާއި މަދީނާގައި ކުރިއަށްދާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސަޢުދީ ސަރުކާރާއެކު އެންމެ މަތީ ފެންވަރުގައި މަޝްވަރާތައް ކުރަމުންދާ ކަމަށާއި، ކޯޓާ އިތުރުކުރާ ޙާލަތެއްގައި ރާއްޖެއަށް އެ އިސްކަން ލިބޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
“އެއްވެސް ގައުމަކަށް ކޯޓާ އިތުރު ކުރެވޭނެ އެ ފުރުސަތު ރާއްޖެއަށް ލިބޭނެ.އަދި އޮތީ އެއްވެސް ގައުމަކަށް އިތުރު ނުކުރެވި.” ޝަހީމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން ވަނީ ޙައްޖު ކިއޫގެ ތަރުތީބާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. އެގޮތުން، ކުންފުނިތަކުން ދޭ ހަދިޔާ ޙައްޖު ދަތުރުތަކުގެ ސަބަބުން ކިއޫގައި ތިބި ބަލިމީހުންނާއި ދެމަފިރިންނަށް ފުރުޞަތު ލަސްވާ މައްސަލައާ މެދު މެންބަރު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
“އަޅުގަނޑުގެ މައުލޫމާތު ކުށްކަމުގައި ނުވާ ނަމަ މިއަހަރު އެގޮތަށް ކުންފުނިތަކަށް ވަރަށް މަދު ފުރުސަތުތަކެއް ނެތް ދީފައެއް ވެސް. އެއީ ހަގީގަތުގައި ކިޔޫގައި ތިބި މީޙުންނަށް ފުރުސަތު ދިނުމަށްޓަކައި އެގޮތަށް އެކަން ހަމަޖައްސަވާފައިވަނީ. އަޅުގަނޑު ގަބޫލު ކުރާ ގޮތެއް ނޫން އެއީ ކުންފުނިތަކަށޭ ކިޔާފަ، އެގޮތަކަށް ކޯޓާއެއް އަސްލު ދުލެއް ނުކުރޭ.” ޝަހީމް ވިދާޅުވިއެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ކިއޫގައި ގިނަ ބަޔަކު ތިއްބާ ކުންފުނިތަކަށް ވަކިން ކޯޓާ ދޫކުރުމަކީ މި ސަރުކާރުން ބާރުއަޅާ ކަމެއް ނޫން ކަމަށެވެ. އަދި ކުރީގެ އާދަކާދައިގެ މަތިން ކުންފުނިތަކަށް ދޫކުރާ ފުރުޞަތުތައް މިހާރު ވަރަށް ބޮޑަށް މަދުކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“އަޅުގަނޑު ޤަބޫލުކުރާ ކަމެއް ނޫން އެއީ ކިއޫގައި ގިނަ އަދަދެއްގެ ބަޔަކު ތިއްބާ ކުންފުނިތަކަށް މިގޮތަށް ފުރުޞަތު ދޭކަށް. ކުންފުނިތަކުން އެދޭނަމަ، އެ މުވައްޒަފަކު ކިއޫގައި ޖައްސައިގެން އެކަން ކުރިއަށް ގެންދެވިދާނެ،” ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ދެމަފިރިންނަށް އެކުގައި ޙައްޖަށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށާއި، މިހާރުވެސް ގިނަ ކަންތައްތަކެއް އެ މަގަށް ބައްޓަން ކުރެވެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް އިލްތިމާސް ކުރެއްވީ، ކޯޓާ އިތުރުވާ ވަގުތެއްގައި ފުރުޞަތު އަވަސްކުރުމަށްޓަކައި، ވީހާވެސް އަވަހަށް ޙައްޖު ކިއޫގައި ރަޖިސްޓްރީވުމަށެވެ.
ރާއްޖެއިން އަންނަނީ ކޮންމެ އަހަރަކުވެސް ޙައްޖުގެ އިންތިޒާމުތައް ހަރުދަނާކޮށް، ޙައްޖުވެރިންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.