ރާއްޖޭގައި މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަކަށް، މާދަމާ އިން ފެށިގެން އެސްޓީއޯގެ ކާނިވާ ނުވަތަ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ އުޅަނދަކަށް މި ލުއި ފަސޭހަކަން މާދަމާ އިން ފެށިގެން ލިބިގެންދާނެއެވެ. މީގެ އިތުރުން “ފަހި ހަކަތަ” ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ދޯނިތަކަށް، ރާއްޖޭގެ އެކި ސަރަހައްދުތަކުން ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.
މި އިންތިޒާމުގެ ދަށުން ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ ރަށްތަކަކީ:
- ހއ. އިހަވަންދޫ
- ހދ. ހަނިމާދޫ
- ށ. މިލަންދޫ
- ބ. އޭދަފުށި
- ފ. ނިލަންދޫ
- ކ. ހިންމަފުށި
- ރ. ދުވާފަރު
- ދ. ކުޑަހުވަދޫ
- ޅ. ފެލިވަރު
- ގއ. ކޫއްޑޫ
- ފުވައްމުލައް ސިޓީ
- ސ. ހުޅުމީދޫ
- ހުޅުމާލެ ޖެޓީ
މި ނިންމުމަކީ މެދުއިރުމަތީގެ މަސްރަހަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައި، މަސްވެރިންނަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ނިންމި ނިންމުމެކެވެ. މިހާރު އެސްޓީއޯ އިން ޑީސަލް ލީޓަރެއް ވިއްކަމުންދަނީ 17.54 ރުފިޔާގެ ރޭޓުންނެވެ.
ބޭރުގެ ބާޒާރުގައި ތެލުގެ އަގު މަތިވި ނަމަވެސް، މަސްވެރިންގެ އަތުން ބޮޑު ހޭދައެއް ނުދާނެ ގޮތަށް ސަރުކާރުން މިހާތަނަށްވެސް ކަންކަން މެނޭޖުކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ މީގެކުރިން ވިދާޅުވެފައެވެ. ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ދުވަސްތަކެއް ވަންދެން މަސްވެރިކަން ދަށްވެފައި އޮތުމަށްފަހު، މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެންވެރިކަމާއި މަސްވެރިކަން އަންނަނީ ރަނގަޅުވަމުންނެވެ. އެހެންކަމުން، މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މީގެ ސަބަބުން މިދިޔަ ދުވަސްތަކުގައި މަހުގެ އުފެއްދުންތަކަށް ކުރިމަތިވި ގޮންޖެހުންތަކަށް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.