:ރާއްޖޭގައި ގާނޫނާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް، މަސްވެރިކަމާއި ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
މި އިސްލާހު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހެޅުއްވި ގދ. ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަޙުމަދުއެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިޞްލާޙުގެ ސަބަބުން، ޤާނޫނާ ޚިލާފަށް ހިންގާ މަސްވެރިކަމުގެ ހަރަކާތްތައް ހުއްޓުވައި، ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމަށް މަގުފަހިވާނެ ކަމަށް މި ބިލު ހުށަހެޅުއްވި ގދ. ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަޙުމަދު ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވައިދެއްވަމުން މެންބަރު އަލްސަން ވިދާޅުވީ، މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިކަމުގެ ދާއިރާގައި ހަރުދަނާ އިދާރީ ނިޒާމެއް ޤާއިމުކުރުމެވެ. މިގޮތުން، މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމާއި، އެކަންކަން ތަންފީޒުކުރެވޭނެ އިޖުރާޢަތްތައް މި ބިލުގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“މަސްތައް ދިރިއުޅޭ މާހައުލުގައި އުޅޭ އެހެން ބާވަތްތަކުގެ މަސްތަކަކީ ކޮބައިކަން، ނުވަތަ އެ މަސްތަކާ ގުޅިފައިވާ ނުވަތަ އެ މަސްތަކަށް ބަރޯސާވާ އެހެން ބާވަތުގެ މަސްތަކަކީ ކޮބައިކަން، އަދި އެ މަސްވެރިކަމުގެ ސަބަބުން އެ މާހައުލަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ވަޒަންކުރަން ޖެހޭ ކަމަށް ބިލުގައި ބަޔާންކޮށްފައިވުމީ ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ލިބޭ ބޮޑު ބާރެއް،” އަކްރަމް ވިދާޅުވިއެވެ
މި ބިލުގެ ދަށުން ޤާނޫނާ ޚިލާފަށް މަސްވެރިކަންކުރާ އުޅަނދުފަހަރާއި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ އުސޫލުތައް ހަރުދަނާކުރެވިގެންދާނެއެވެ. ވަކިން ހާއްސަކޮށް، ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަން ކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެކަމަށް ދެވޭނެ ޖޫރިމަނާތައްވެސް މި އިޞްލާޙުގައި ވަނީ ހިމަނާފައެވެ.
މި ބިލާ ގުޅޭގޮތުން މަޖިލީހުގައި ވާހަކަދެއްކެވި ގިނަ މެންބަރުން ވަނީ މިއީ މަސްވެރިކަމުގެ ދާއިރާއަށް ގެންނަންޖެހޭ މުހިންމު ބަދަލެއްކަން ފާހަގަކުރައްވާފައެވެ. އަދި ކޮމިޓީ މަރުހަލާގައި ބިލަށް އިތުރު ފުރިހަމަކަމެއް ގެނައުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.
މި އިޞްލާޙު ފާސްވެގެން ދިއުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެއްތުމަށާއި، ކަނޑުގެ ދިރުންތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.