މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފޯރުކޮށްދޭ “ސީ-ޓު-އެއާ” ކާގޯ ޚިދުމަތުގެ ދަށުން ނިމިދިޔަ މާޗް މަހުގެ ތެރޭގައި 75 ޓަނަށް ވުރެ ގިނަ މުދާ ބޭރު ގައުމުތަކަށް ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޕީއެލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މާޗް މަހުގެ ތެރޭގައި ދުނިޔޭގެ 14 ގައުމެއްގެ 12 މަންޒިލަކަށް ވަނީ މި ޚިދުމަތުގެ ދަށުން މުދާ ފޯރުކޮށްދީފައެވެ. މި މަސައްކަތުގައި ބައިނަލްއަގުވާމީ ހަތް އެއާލައިނަކުން ވަނީ ބައިވެރިވެފައެވެ.
ރާއްޖޭގައި ސީ-ޓު-އެއާ ކާގޯގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. މިއީ ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ، ވައިގެ މަގުން ދުނިޔޭގެ އެކި މަންޒިލްތަކަށް އަވަހަށް ފޮނުވައިދިނުމަށްޓަކައި އެމްޕީއެލް އިން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި ޚިދުމަތް އިތުރަށް ފުޅާވެގެން ދިއުމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިދިޔަ އަހަރުގެ ކުރީކޮޅު ހުޅުވި އާ ކާގޯ ޓާމިނަލް މުހިންމު ދައުރެއް އަދާކުރެއެވެ. އަހަރަކު 120،000 ޓަނުގެ ކާގޯގެ ޚިދުމަތް ދިނުމުގެ ގާބިލުކަން ހުރި މި ޓާމިނަލް ބޭނުންކުރަން ފެށި ފަހުން ރާއްޖެއިން އުފުލާ ކާގޯގެ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
ސަރުކާރުން ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މި ފަދަ ޚިދުމަތްތަކުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގައި ރާއްޖޭގެ ދައުރު އިތުރުވެ، ގައުމަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވަމުންދާކަން އެމްޕީއެލް އިން ފާހަގަކުރެއެވެ.
ސީ-ޓު-އެއާ ޚިދުމަތަކީ ކަނޑު މަގާއި ވައިގެ މަގުގެ ދަތުރުފަތުރު އެއްކޮށްލައިގެން ދެވޭ ލޮޖިސްޓިކްސް ޚިދުމަތަކަށް ވާއިރު، މީގެ ސަބަބުން ރާއްޖެއަކީ ސަރަހައްދީ ފެންވަރުގައި މުދާ އުފުލައިދޭ މުހިންމު މަރުކަޒަކަށް ވުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ.