މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ފަސްވަނަ ސެގްމެންޓްގެ ކުއޭވޯލް ކެޕިންގ ކޮންކްރީޓް މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.
އެމްޓީސީސީން މިއަދު ކުރި ޓުވީޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، މި ހަފުތާގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާގެ މައި ހޮޅި އެޅުމާއި، ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ސެޓްލްމަންޓް ޓޭންކްތައް ބެހެއްޓުމާއި، ކާބްސްޓޯން ޖެހުމުގެ އިތުރުން، ކެޗްޕިޓް އަދި ކޭބަލް ޖަންކްޝަންތައް ބެހެއްޓުމުގެ މަސައްކަތްވެސް މި ހަފުތާގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މަޝްރޫޢުގެ ތަފްސީލުތަކަށް ބަލާއިރު، ސެގްމެންޓް 2، 3، އަދި 4 ގެ 220 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 9 އޭޕްރިލް 2024 ގައި އެމްޓީސީސީއާ ޙަވާލުކުރި މަޝްރޫޢެކެވެ. މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ދަށުން، ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ޖުމްލަ 830 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި، ހަތަރު ލޭނަށް މަގު ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ތެރެއިން މިހާތަނަށް ގިނަ ސަރަހައްދުތަކެއް ނިންމައި އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް 380 މީޓަރުގެ ސަރަހައްދެއް މިހާރު ބޭނުންކުރެވެއެވެ. އަދި ޖުމްހޫރީ މައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު ފަޅުން ބައެއް ހިއްކައިގެން ތަރައްޤީކުރި ބައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވާފައިވާއިރު، ރަސްމީ ފާލަމުން މަސްމާރުކޭޓާ ހަމައަށް ތަރައްޤީކުރި ބައި މިއަހަރުގެ ފެބުރުވަރީ މަހު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
މަގު ހެދުމުގެ މި މަޝްރޫޢުގެ ތެރޭގައި ތާރު އެޅުމުގެ އިތުރުން، ޒަމާނީ ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ދުވާރު ހެދުމާއި، ރޯޑް މާކިން ޖެހުމުގެ އިތުރުން ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ. މި މަޝްރޫޢު ނިމުމުން މާލޭގެ އުތުރު ފަރާތުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.