ދިވެހި އަސްކަރިއްޔާއަކީ ދިވެހިންގެ ހިދުމަތުގައި ރުކުރުވާލި އެންމެ ބިޔަ ލަޝްކަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިންގެ ޚިދުމަތަށް 134 އަހަރު ފުރުމުގެ މުނާސަބަތުގައި، ދިވެހި އަސްކަރިއްޔާއަށް ރައީސް ވަނީ މަރުހަބާ ދަންނަވާފައެވެ. މި މުނާސަބަތާ ގުޅިގެން މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ރުކުރުވާލާފައިވާ އެންމެ ބިޔަ އަދި އެންމެ ގާބިލް ލަޝްކަރަކީ ދިވެހި ސިފައިން ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި ސިފައިންގެ ދިގު ތާރީޚުގައި ގައުމަށްޓަކައި ޝަހީދުވި ބޭފުޅުންނާއި، ހިތްވަރުގަދަ މުޖާހިދުންނާއި، ނުރައްކާތަކުން ރައްޔިތުން ސަލާމަތްކޮށްދިން އަބްޠާލުންގެ ނަންތައް ރަން އަކުރުން ފަވާލެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“ދިވެހި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ އެންމެ ޤާބިލް ލަޝްކަރަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ލޮބުވެތި ދިވެހި ސިފައިން. ދިވެހި ޤައުމަށްޓަކައި ރެޔާއިދުވާލު ތިޔަކޮށްދެއްވަވާ އަގުހުރި ޚިދުމަތަށް ފަށްފަށުން ޝުކުރު ދަންނަވަމުން، މި އުފާވެރި 134 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ދިވެހި ސިފައިންނާއި ޢާއިލާތަކަށް އަރިސްކުރަން.” ރައީސް ވިދާޅުވިއެވެ.
ދިވެހި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރެއާއި ދުވާލު ސިފައިން ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވަމުން، ރައީސް ވަނީ ސިފައިންނަށާއި ސިފައިންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
ކޮންމެ އަހަރަކުވެސް އޭޕްރީލް 21 ވަނަ ދުވަހު ފާހަގަކުރާ ސިފައިންގެ ދުވަހުގެ ހަރަކާތްތައް މިއަދު ހެނދުނު 6:00 ގައި ކަޅުތުއްކަލާ ކޮށީގައި ބޭއްވި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތުން ވަނީ ފަށާފައެވެ. މި އަހަރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ.
އެގޮތުން، އަންނަ މެއި މަހުގެ ދެވަނަ ދުވަހުގެ ހަވީރު 16:30 ގައި ބޮޑު މިލިޓަރީ ޕެރޭޑެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ރައީސް ބައިވެރިވެވަޑައިގަންނަވާ ރަސްމީ ޖަލްސާ މެއި 9 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕެރޭޑުގައި އަސްކަރިއްޔާގެ ތިން ބާރު ކަމަށްވާ ކަނޑާއި، އެއްގަމާއި، ވައިގެ ބާރުގެ ފައުޖުތައް ބައިވެރިވާނެއެވެ. މީގެ އިތުރުން އެމްއެންޑީއެފުން ބޭނުންކުރާ ޒަމާނީ ހަތިޔާރާއި، އަސްކަރީ އާލާތްތަކުގެ އިތުރުން އެއްގަމު އުޅަނދުފަހަރުވެސް އާންމުންނަށް ދައްކާލުމަށް ވަނީ ނިންމާފައެވެ.