ސަރުކާރުގެ އެއްވެސް މަޤާމަކަށް ކުރިއަށް އޮތްތަނުގައި މުވައްޒަފުން އައްޔަންކުރާނީ އެމީހެއްގެ ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ‘މެރިޓް ބޭސްޑް’ އުސޫލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރު ހިންގުމުގެ ނިޒާމަށް ބަދަލުތައް ގެންނަވަނީ ރައްޔިތުން އެދޭ ގޮތަށް، ޚަރަދުތައް ކުޑަކޮށް، ހަރުދަނާ ނަތީޖާއެއް ނެރުމަށް ކަމަށެވެ. ޚާއްޞަކޮށް، ސިޔާސީ ނުފޫޒުން ވަޒީފާ ދިނުމުގެ ސަގާފަތް ނިމުމަކަށް ގެންނަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“ދެން އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ނުވަތަ ސިޔާސީ ފަރާތަކާއި ގުޅިގެން ވަޒީފާ ދިނުން މިހާރު މި ޤައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމެއް. މިއޮތީ ރައްޔިތުން ބުނެފައި. އެހެންވީމަ އަޅުގަނޑުވެސް ދާނީ އެގޮތަށް. ދެންމެ މި ދެންނެވި ގޮތަށް ކުރިމަތިލައިން އެމީހާގެ ސީވީއަށް ބަލައި މެރިޓް ދެން އެއްވެސް އެސްއޯއީއަކުންވެސް މިނިސްޓްރީ އަކުންވެސް މުވައްޒަފުން ނަގައިގެން ނުވާނެ.” ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެއްވެސް މިނިސްޓްރީއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން (އެސްއޯއީ) ވެސް މީހުން ނަގަންވާނީ އެމީހެއްގެ ސީވީއަށް ބަލައި، އިއުލާންކޮށްގެން ކަމަށެވެ.
ސަރުކާރުގެ ސައިޒު ކުޑަކުރުމުގެ މަސައްކަތުގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މާލީ ވުޒާރާއިން ޕީސީބީއަށް މިހާރު އަންގާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މި ބަދަލު ގެންނަނީ ކުންފުނިތަކުގެ ހިންގުމަށް ބުރުނާރާނޭހެން، މަސައްކަތްތައް ވަޒަންކުރުމަށްފަހުގައެވެ.
ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކުރުމުގައިވެސް ތަޢުލީމީ ވަކި މިންގަނޑުތަކެއް ގެންގުޅުއްވަން ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ސްޓޭޓް މިނިސްޓަރުންގެ މަޤާމަށް މީހަކު އައްޔަންކުރާނަމަ މާސްޓާސް ޑިގްރީއެއް އަދި ޑެޕިއުޓީ މިނިސްޓަރުންގެ މަޤާމަށް ފުރަތަމަ ޑިގްރީއެއް އޮތްތޯ ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.
“އެއްވެސް ފަރާތަކަށް ކެމްޕޭނަކާއި ގުޅިގެން ނުވަތަ ސިޔާސީ ގޮތަކަށް ވަޒީފާ ދިނުން ދެން މިގައުމުގަ ނިމުމަކަށް އަންނަން ޖެހޭ ކަމަށް ރައްޔިތުން އެ އޮތީ ބުނެފަ. އެހެންމަ އަޅުގަނޑުވެސް ދާޏީ އެގޮތަށް ދެން. ދެންމެ މި ދެންނެވި ހެން އިއުލާނު ކުރެވިގެން، ކުރިމަތިލައިގެން، އެމީހާގެ ސީވީއަށް ބަލައި، މެރިޓް ބޭސްކޮށް ނޫނިއްޔާ ދެން އެއްވެސް އެސްއޯއީއަކުން ވެސް މިނިސްޓްރީއަކުން ވެސް މުވައްޒަފުން ނަގައިގެން ނުވާނެ. އެ އުސޫލު ދެން މި ސަރުކާރުން ކުރިއަށް ގެންދާނީ” ރައީސް ވިދާޅުވިއެވެ.
ފެށުނީއްސުރެވެސް އެމަނިކުފާނު އިސްކަންދެއްވާފައިވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށްކަމުގައި ވިދާޅުވެ، ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންގެ އަޑުއައްސަވައިގެން މަސައްކަތްކުރެއްވުމުގައި ދެމިހުންނަވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސް މުޢިއްޒު އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، ކެބިނެޓްގެ ވަޒީރުންގެ އަދަދު 20 އިން 15 އަށް މަދުކުރުމާއި، ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކުގެ މަސައްކަތް ވަޒަންކޮށް އަދަދު މަދުކުރުން ހިމެނެއެވެ. މި ހުރިހާ ބަދަލެއްގެ މަޤްސަދަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް، ޒިންމާދާރު އަދި ހަރުދަނާ ސަރުކާރެއް ހިންގުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.