އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ތިލަފުށީ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ހުޅުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ، ތިލަފުށީ ބަނދަރުގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރެއްވުމުގެ އިތުރުން، ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ދުވެއްޔާ މެދު ނުހަނު ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށާއި، އެ މަސައްކަތުގެ ސްޕީޑާ މެދު އެއްވެސް ރައްޔިތަކު ހިތްހަމަޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ. އަދި މަސައްކަތް ލަސްވަމުންދާތީ، ކޮންޓްރެކްޓަރުގެ އެދުމުގެ މަތިން މި މަޝްރޫޢު ނިންމުމަށް ދީފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްދީފައިވާކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.
“ހަގީގަތުގައި ވަރަށް ލަސް ދާ ލެއް. ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ވިއްޔާ ކޮށްދެން. މި ދޭތެރެއިން މުއްދަތު އިތުރުކޮށްދޭން އެދިގެން އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލާފަ އިތުރަށް މުއްދަތު ދީފިން.” ރައީސް ވިދާޅުވިއެވެ.
ބްރިޖު މަޝްރޫޢުގެ ތާރީޚުތަކަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި މި މަޝްރޫޢު މިއަހަރަށް ނިންމަން އޮތް ނަމަވެސް، މިހާރު އެ ތާރީޚު 2027 އަށް ފަސްވެފައިވާ ކަމަށެވެ. އަދި މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް ނުދިއުމުގެ ސަބަބުން، މިއަހަރުގެ ރިޔާސީ ބަޔާނުގައި އެ މަޝްރޫޢުގެ ވާހަކަ ހިމަނުއްވާފައި ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރިން 2026 އަށް ނިންމޭނެ ކަމަށް އެބޭފުޅުން ތާރީހެއް ދިން ނަމަވެސް މިހާރު 2027 އަށް ނިންމޭނެ ކަމަށް ބުނަމުން އަންނަ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މަސައްކަތް ލަސްވި ނަމަވެސް، މަޝްރޫޢު ހުއްޓުމެއް ނެތި ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުން ފޯރުކޮށްދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުންދާ ކަމަށެވެ.
މި މަޝްރޫޢު ފުރަތަމަ ނިންމަން ތާވަލުކުރީ 2024 ނޮވެމްބަރަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ލަސްވެ، މިހާރު ވަނީ 2027 ވަނަ އަހަރަށް މުއްދަތު އިތުރުކޮށްފައެވެ.
މި ޕްރޮޖެކްޓުގެ 71.60 އިންސައްތަ ވަނީ ނިމިފައެވެ. އަދި މިހާރު މައިގަނޑު މަސައްކަތެއްގެ ގޮތުގައި ސައިޓުގައި ކުރެވެމުންދަނީ ބްރިކް ޑެކްއަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އިއްޔެ ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން 2021 ވަނަ އަހަރު ފެށި ތިލަމާލެ ބްރިޖު މަޝްރޫއަކީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރިއަށްގެންދާ 6.7 ކިލޯމީޓަރުގެ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއަށް ހިނގާ 500 މިލިއަން ޑޮލަރުގެ ތެރެއިން 400 މިލިއަން ޑޮލަރަކީ އިންޑިއާގެ ލޯނު އެހީ ކަމަށްވާއިރު، ބާކީ 100 މިލިއަން ޑޮލަރަކީ އެ ގައުމުން ދީފައިވާ ހިލޭ އެހީއެވެ. ނިމިދިޔަ ސަރުކާރުގެ ދައުރު ނިމުނުއިރުވެސް މަސައްކަތުގެ ދެބައިކުޅަ އެއްބައިވެސް ފުރިހަމަނުވާ މި މަޝްރޫއުގެ ދަށުން ކަނޑާއި އެއްގަމު މަގުތަކުގެ އިތުރުން ބިން ހިއްކުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެއެވެ.