ޤާނޫނުއަސާސީއަށް އިތުރު އެއްވެސް އިސްލާހެއް ގެނައުމަށް ސަރުކާރުގެ ވިސްނުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މި މަހުގެ 4 ވަނަ ދުވަހު ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާއާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުން ސާބިތުވެގެންދިޔައީ ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުން ބޭނުން ނުވާކަން ކަމަށެވެ.
“ފެންނަ ނުފެންނަ ވޯޓުން ވަރަށް ބޮޑު މެސެޖެއް ރައްޔިތުން ދެއްވާފައި މިވަނީ. އެއީ ގާނޫނު އަސާސީއަށް ބަދަލުތައް ގެނައުމަކީ އެހާބޮޑަށް ރައްޔިތުން ގަބޫލުކުރާކަމެއް ނޫނީ އެހާބޮޑަށް ފޭވާ ކުރާކަމެއް ނޫންކަން. އެހެންވީމާ އަސާސީ ބަދަލުކޮށްގެންނަންޖެހޭ ކަހަލަ އިސްލާހެއް ކުރިއަށް އޮތްތާނގައި ގެންނާކަށް އަޅުގަނޑުމެން ގަސްތެއްނުކުރަން ދެނެއް،” ރައީސް ވިދާޅުވިއެވެ.
މިމަހު 4 ވަނަ ދުވަހު، ބޭއްވުނު އިންތިޚާބު ތަކުގެތެރެއިން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް، ގާނޫނު އަސާސީއަށް ބަދަލުގެނައުމަށް، ނެގުނު ފެންނަ ނުފެންނަ ވޯޓުގައި، 68 އިންސައްތައަށްވުރެ ގިނަ މީހުން ވަނީ އެކަން އެގޮތަށް ކުރަން ނުފެންނަ ކަމަށް ވޯޓު ދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ޤާނޫނުއަސާސީއަށް އިސްލާހު ނުގެންނެވި ނަމަވެސް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ޤާނޫނުތަކަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނު އަބަދުވެސް ކަންކަން ނިންމަވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށާއި، މިހާތަނަށް ޤާނޫނުއަސާސީއަށް ގެނެވުނު އިސްލާހުތަކަކީވެސް ރައްޔިތުންގެ މަސްލަހަތަށްޓަކައި ގެނެވުނު މުހިންމު ބަދަލުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑުއަހައިގެންކަން ފާހަގަކުރައްވަމުން، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ގައުމަށް ބޭނުންވާ އިސްލާހުތައް ގެނައުމުގައި ރައްޔިތުންގެ ނިންމުމަށް އިސްކަންދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.