ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން (އީސީ) އިޢުލާންކޮށްފައިވާއިރު، މި ނަތީޖާ ދައްކާގޮތުން ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) އިން ޖުމްލަ 584 ގޮނޑި ކާމިޔާބުކޮށް، އިންތިޚާބުގެ ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 563 ގޮނޑިއެވެ. ރަށްރަށުގެ މެޖޯރިޓީއަށް ބަލާއިރު ޕީއެންސީން 75 ރަށެއްގެ ކައުންސިލް މެޖޯރިޓީ ކާމިޔާބުކުރިއިރު، އެމްޑީޕީއަށް ލިބުނީ 73 ރަށެއްގެ މެޖޯރިޓީއެވެ. މީގެ އިތުރުން 19 ރަށެއްގެ މެޖޯރިޓީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ހޯދިއިރު، އެމްޑީއޭއަށް ތިން ރަށެއްގެ މެޖޯރިޓީ އަދި ދަ ޑިމޮކްރެޓްސްއަށް އެއް ރަށުގެ މެޖޯރިޓީ ލިބިފައިވެއެވެ. ނުވަ ރަށެއްގެ މެޖޯރިޓީ އެއްވެސް ޕާޓީއަކަށް ނުވަތަ އަމިއްލަ ކެންޑިޑޭޓަކަށް ލިބިފައެއް ނުވެއެވެ.
ޕީއެންސީން އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ ރ. އަތޮޅުންނެވެ. އެ އަތޮޅުގެ 8 ރަށެއްގެ މެޖޯރިޓީ ޕީއެންސީން ނެގިއިރު، އޭގެ ތެރޭގައި އުނގޫފާރު، ދުވާފަރު އަދި ހުޅުދުއްފާރު ފަދަ ބޮޑެތި ރަށްތައް ހިމެނެއެވެ. އެމްޑީޕީން އެންމެ ވަރުގަދަ ނަތީޖާއެއް ދެއްކީ ށ. އަތޮޅުންނެވެ. އެ އަތޮޅުގެ 8 ރަށެއްގެ މެޖޯރިޓީ އެމްޑީޕީން ކާމިޔާބުކުރިއެވެ.
މި އިންތިޚާބުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ކ. އަތޮޅާއި ވ. އަތޮޅުގެ އެއްވެސް ރަށެއްގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބުމެވެ. ކ. އަތޮޅުގެ 9 ރަށުގެ ތެރެއިން 7 ރަށެއްގެ މެޖޯރިޓީ ޕީއެންސީން ނެގިއިރު، ވ. އަތޮޅުގެ 5 ރަށުގެ ތެރެއިން 4 ރަށެއްގެ މެޖޯރިޓީވެސް ނެގީ ޕީއެންސީންނެވެ.
އެހެން އަތޮޅުތަކުގެ މުހިންމު ނަތީޖާތައް:
- އއ. އަތޮޅު: 8 ރަށުގެ ތެރެއިން 6 ރަށުގެ މެޖޯރިޓީ ޕީއެންސީއަށް.
- އދ. އަތޮޅު: 10 ރަށުގެ ތެރެއިން 5 ރަށުގެ މެޖޯރިޓީ ޕީއެންސީއަށް. މާމިގިލީގެ މެޖޯރިޓީ ޖުމްހޫރީ ޕާޓީއާއި ޕީއެންސީ ގުޅިގެން ވަނީ ކާމިޔާބުކޮށްފައެވެ.
- މ. އަތޮޅު: އެމްޑީޕީން 4 ރަށެއްގެ މެޖޯރިޓީ ހޯދިއިރު، ޕީއެންސީއަށް ލިބުނީ 2 ރަށެވެ.
- ޅ. އަތޮޅު: ޕީއެންސީއަށް ނައިފަރު އެކަނި ލިބުނުއިރު، އެމްޑީޕީން 2 ރަށެއްގެ މެޖޯރިޓީ ހޯދިއެވެ.
- ކުދި ޕާޓީތައް: އެމްޑީއޭ އިން ވަނީ ނ. ކުޑަފަރީ، ދ. ބަނޑިދޫ އަދި ދ. ހުޅުދެލީގެ މެޖޯރިޓީ ހޯދާފައެވެ.
ދެވަނަ ބުރުގެ ނަތީޖާ:
ނަތީޖާ އެއްވަރުވެގެން ބޭއްވި ދެވަނަ ބުރުގެ ވޯޓުލުމުގައިވެސް ޕީއެންސީން ވަނީ ކުރިހޯދާފައެވެ. މިގޮތުން ބޭއްވި ފަސް އިންތިޚާބުގެ ތެރެއިން ތިން ގޮނޑި ޕީއެންސީން ކާމިޔާބުކުރިއެވެ. އެއީ ހއ. ކެލާ އަންހެނުންގެ ކޮމިޓީގެ ރައީސްކަމާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު އަންހެނުންގެ ކޮމިޓީގެ މެންބަރުކަމެވެ. ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ކެންޑިޑޭޓެކެވެ.
މި އިންތިޚާބުގެ ޖުމްލަ ނަތީޖާއިން ފެނިގެންދަނީ ސަރުކާރަށް ރައްޔިތުންގެ ބޮޑު ތަރުޙީބެއް އޮތްކަމާއި، ސިޔާސީ މަސްރަޙުގައި ޕީއެންސީގެ ނުފޫޒު ވަރުގަދަވަމުންދާ ކަމެވެ.