ކުރީގެ ސަރުކާރުން ނަގާފައިވާ ބޮޑު ދަރަންޏެއް ކަމަށްވާ 524.68 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ) ގެ ސުކޫކު، ރާއްޖޭގެ އެއްވެސް ހަރުމުދަލެއް ނުވިއްކައި، މި ސަރުކާރުގެ އަމިއްލަ ބާރުވެރިކަމުގައި ދައްކައި ހަލާސްކޮށްފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި އއ. އަތޮޅުގެ ތިން ރަށަކުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ 2021 ވަނަ އަހަރު ކުރީގެ ސަރުކާރުން ނަގާފައިވާ ދަރަންޏެއް ކަމަށެވެ. އަދި މި ފައިސާ ދެއްކުމަށް މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ ގައުމު ބަނގުރޫޓުވިޔަ ނުދިނުމަށްޓަކައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މި ފައިސާ ދައްކާފައިވަނީ އިތުރު ބޮޑެތި ދަރަނިތައް ނުނަގައި، ރާއްޖޭގެ އިގްތިސާދުގައި ހުރި އަމިއްލަ ހަކަތައިން ކަމަށެވެ. އަދި މި ސުކޫކު ދެއްކުމާ އެކު، ރަހުނުކޮށްފައި އޮތް ދައުލަތުގެ މުހިންމު ހަތަރު އިމާރާތެއް މިހާރު ސަލާމަތް ކުރެވިފައިވާ ކަމަށް ރައީސް އިއުލާން ކުރެއްވިއެވެ. އެގޮތުން ސަލާމަތް ކުރެވުނު ތަންތަނުގެ ތެރޭގައި:
- ދަރުމަވަންތަ ހޮސްޕިޓަލް
- ފިނޭންސް މިނިސްޓްރީގެ އިމާރާތް
- އިސްކަންދަރު ސްކޫލް ހުރި ބިން
- އައިޖީއެމްއެޗް ހުރި ބިން
“އިރާދަކުރެއްވީތީ އަޅުގަނޑުމެން އެކަން ކުރިން، އެކަން ކުރީ އަޅުގަނޑުމެންގެ އިގްތިސާދުގައި ހުރި އަމިއްލަ ހަކަތައިން، އިތުރު ބޮޑެތި ދަރަނިތައް ނުނަގައި،” ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސުކޫކު ނުދެއްކުނު ނަމަ މި ހަރުމުދާ ދައުލަތަށް ގެއްލިގެން ދިޔުމުގެ ބިރު އޮތް ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން މި ފައިސާ ނުދައްކާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ފައިސާ ދެއްކިކަމުގެ ހެކި އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ފެންނަން ހުންނާނެ ކަމަށެވެ.
“މިސާލާކަށް އެ ސްކޫކް ނުދެއްކުނު ނަމަ، އެތަން (ދަރުމަވަންތަ ހޮސްޕިޓަލް) ގެއްލޭނެ ނޫންތޯ، އެވަރު ކަންކަން މިދިޔަ ސަރުކާރުން ކޮށްފައި ހުރީ. ނަމަވެސް އެ ބޭފުޅުން ރައްޔިތުންގެ ގާތަށް މި ދަނީ ވޯޓު ހޯދަންވެސް. އެހެންވީމަ އެތަންވެސް ސަލާމަތް ކުރީ، ފިނޭންސް މިނިސްޓްރީގެ އެ ބިމާއި، އަދި އެއާ އެކީގައި އައިޖީއެމްއެޗް ހުރި ބިމާއި، މިތަންތަންވެސް ހުރީ މި ސްކޫކް ތެރެއަށް ލާފައި، އަދި އިސްކަންދަރު ސްކޫލްގެ ބިމާ. މި ހުރިހާ ތަނެއްވެސް އެ ހުރީ ސަލާމަތްވެފައި، ސަލާމަތްކޮށްފައި.”. ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީގެ ސަރުކާރުން ބައެއް ތަންތަން ރަހުނުކޮށްފައި ނަގާފައިވާ އިތުރު ލޯކަލް ސުކޫކުތައް ވެސް އެބަހުރި ކަމަށާއި، އެ ތަންތަން ސަލާމަތް ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. ގައުމުގެ އިގްތިސާދު ހަމަ މަގަށް އެޅުވުމަށާއި، ދަރަނިތައް އަދާކުރުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.