ކާމިޔާބީއާއި ނާކާމިޔާބީގައި ވެސް ސަރުކާރުގެ ސިޔާސަތަކީ އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ރައީސް ވަނީ އއ. ރަސްދޫ، އއ. ތޮއްޑޫ އަދި އއ. އުކުޅަހުން ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ތާރީހީ ކާމިޔާބީ ފާހަގަކުރައްވައި، އެ ދާއިރާގެ ރައްޔިތުން އެކުވެރި ރޫހެއްގައި ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މިއީ ގިނަ ދުވަސްތަކެއް ވަންދެން އިދިކޮޅު ފިކުރުގައި އޮތް ދާއިރާއެއް ނަމަވެސް، ސަރުކާރާއެކު މަސައްކަތް ކުރާނެ ޓީމެއް ހޮވުމުގެ މުހިންމުކަން ރައްޔިތުން މިވަނީ ގަބޫލުކޮށްފައެވެ.
އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މުޅި ރާއްޖެއަށް ބަލާއިރު ޕީއެންސީއަށް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވީ ނަމަވެސް، ބައެއް ދާއިރާތަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ކަމަށެވެ. މިގޮތުން ސިޓީތަކުން ލިބުނު ނަތީޖާއާއި ރިފަރެންޑަމް ވޯޓުން ލިބުނު ނާކާމިޔާބީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“ހުރިހާ ސިޓީތަކުންވެސް ވަރަށް ބޮޑަށް ނާކާމިޔާބުވެގެންދިޔައީ އަޅުގަނޑުމެން. ހަމައެއާއެކީގައި މުޅިރާއްޖެއިންވެސް ވަރަށް ބޮޑު ނާކާމިޔާބީއެއް ރެފެރެންޑަމް ވޯޓުގައި ލިބިގެންދިޔަ. އެހެންވީމަ ނާކާމިޔާބީވެސް ހިމެނޭ، އަދި ކާމިޔާބީގެ ތެރެއިން ވަރަށް ފޮނި ކާމިޔާބީވެސް ހިމެނޭ އިންތިޚާބެއް ނިމިގެން މިދިޔައީ. އެހެންވީމަ ނާކާމިޔާބީގައިވެސް އަދި ކާމިޔާބީގައިވެސް އަޅުގަނޑުގެ ސިޔާސަތަކީ އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރުން. މި ދާއިރާގެ ތަރައްޤީއަށްޓަކާ އަޅުގަނޑުވީ ހުރިހާ ވައުދެއް ފުއްދުމަށްޓަކާ އަޅުގަނޑުމެން ދާނީ ވަރަށް ބާރަށް ކުރިއަށް. ހަމަކޮންމެ ރަށެއްގެ ތަރައްޤީވެސް އެގޮތަށް ބާރަށް ކުރިއަށްގެންދާނަން.” ރައީސް ވިދާޅުވިއެވެ.
މަގާމުތަކަށް ހޮވިވަޑައިގަތް ބޭފުޅުންނަށް އިރުޝާދު ދެއްވަމުން ރައީސް ވިދާޅުވީ، ވެރިކަމާއި މަގާމުތަކަކީ މާތްﷲ ދެއްވާ އަމާނާތެއް ކަމަށާއި، މަގާމާ ހަވާލުވާ ފުރަތަމަ މިނެޓުން ފެށިގެން ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރަންޖެހޭނެ ކަމަށެވެ. އަދި ވޯޓު ދިން މީހުންނާއި ނުދޭ މީހުން ތަފާތުނުކޮށް، އެންމެންނަށް ހަމަހަމަކަމާއެކު ހިދުމަތް ދިނުމަކީ ރިވެތި މިސާލެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި، ކާމިޔާބީ ލިބުނު ރަށްތަކާއި ނާކާމިޔާބުވި ދާއިރާތަކުގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ދެއްވިއެވެ.
“އަޅުގަނޑުގެ އަދި މި ސަރުކާރުގެ ހުރިހާވެސް ވިސްނުމަކީ، ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކީ ހިދުމަތް ދިނުން،” ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ.
ސަރުކާރުގެ ހުރިހާވެސް އަމާޒަކީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ. އަދި ކުރިއަށްއޮތްތާނގައިވެސް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އެއްވެސް ތަފާތުކުރުމެއްނެތި ޚިދުމަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.