ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ދިއުމުގެ ބަދަލުގައި، ރާއްޖޭގެ ސިއްހީ ނިޒާމަށް އޮތް އިތުބާރު ބޮޑުވަމުންދާކަން ހާމަކޮށްދޭ މުހިންމު ކާމިޔާބީއެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ހޯދައިފިއެވެ.
އައިޖީއެމްއެޗްގެ ކަށީގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމުން ވަނީ މުހައްމަދު ޔާސިން ޒާދީ ނަމަކަށް ކިޔާ ބަލިމީހެއްގެ އުނަގަނޑުގެ ދެހުޅު އެއްފަހަރާ ބަދަލުކުރުމުގެ ނުވަތަ “ބައިލެޓަރަލް ޓޯޓަލް ހިޕް ރިޕްލޭސްމަންޓް” އޮޕަރޭޝަން ވަރަށް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
ޔާސިންގެ ބަލި ހާލަތު އެންމެ ފުރަތަމަ އެނގުނީ އޭނާ އިންޑިއާގެ މުމްބާއީގައި ހުއްޓައެވެ. ނަމަވެސް ބޭރުގެ އެކި ހޮސްޕިޓަލްތަކުން ފަރުވާގެ ފުރުސަތުތައް ބަލުމަށްފަހު، ޔާސިން ނިންމީ އަމިއްލަ ގައުމުގައި ހުރެގެން އައިޖީއެމްއެޗުން މި އޮޕަރޭޝަން ކުރުމަށެވެ. މި ނިންމުން ނިންމި އެންމެ ބޮޑު ސަބަބަކީ އާސަންދައިގެ އެހީގައި ހުރިހާ ޚަރަދެއް ހަމަޖެހިގެން ދިއުމާއި، މިފަދަ ބޮޑު އޮޕަރޭޝަނެއް ކުރާއިރު އާއިލާގެ ގާތުގައި ހުރެވުމުން ލިބޭ ހިތްހަމަޖެހުމެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި “ޓޯޓަލް ހިޕް ރިޕްލޭސްމަންޓް” ފުރިހަމަކުރި މުހައްމަދު ޔާސިންގެ ތަޖުރިބާ.
މި އޮޕަރޭޝަނަށްފަހު ޔާސިންގެ ހާލަތު ރަނގަޅުވެ، މިހާރު ދަނީ އެއްވެސް ދަތިކަމެއްނެތި އާންމު ދިރިއުޅުމުގެ ހަރަކާތްތަކުގައި ބައިވެރިވަމުން. pic.twitter.com/NZr2yEX8x7
— IGMH (@igmhmv) April 16, 2026
އައިޖީއެމްއެޗްގެ ކަށީގެ ޚާއްޞަ ޑޮކްޓަރު، ޑރ. ހުސެން ފައިސަލް ޔާސިންގެ ބަލި ހާލަތު ބެއްލެވިއިރު، އޭނާގެ ހާލަތު ހުރީ ހަތަރުވަނަ ސްޓޭޖުގައެވެ. އެހެންކަމުން މިއީ ވަގުތުން ކުރަންޖެހޭ “އިމަޖެންސީ” އޮޕަރޭޝަނެއްގެ ގޮތުގައި ޑޮކްޓަރު ކަނޑައެޅުއްވިއެވެ.
އޮޕަރޭޝަންގެ ތަޖުރިބާ ހިއްސާކުރަމުން ޔާސިން ބުނީ، އޮޕަރޭޝަންގެ ތެރޭގައި އެއްވެސް ވަރަކަށް ތަދު އިހުސާސްނުވާ ކަމަށާއި، ރިކަވަރީގެ މަރުހަލާ ދިޔައީ އުންމީދު ކުރި ވަރަށްވުރެ މާ ހަލުވިކޮށް ކަމަށެވެ. އެގޮތުން އޮޕަރޭޝަނަށްފަހު އެންމެ 10 ދުވަސް ތެރޭގައި އެއްވެސް އެހީތެރިކަމަކާ ނުލާ ހިނގަން ފެށުމަކީ އޭނާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ޔާސިން ވަނީ އައިޖީއެމްއެޗުން ދޭ “އާފްޓާ ކެއާ” ނުވަތަ އޮޕަރޭޝަނަށްފަހު ދޭ ފަރުވާގެ ފެންވަރު ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ. ވަގުތުން ވަގުތަށް ޑޮކްޓަރުންނާއި ނަރުހުންގެ އެހީތެރިކަން ލިބޭކަމާއި، ބަލިމީހާއަށް ބަހައްޓާ ގާތްކަމަށްޓަކައި އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
އައިޖީއެމްއެޗްގެ ކަށީގެ ބަލިތަކާ ބެހޭ ޑިޕާޓްމަންޓަކީ މިހާރު ޒަމާނީ ވަސީލަތްތަކާއެކު ވަރަށް ބޮޑަށް ކުރިއަރާފައިވާ ތަނެކެވެ. އެ ޑިޕާޓްމަންޓުގައި ދިވެހި 5 ސްޕެޝަލިސްޓުންނާއި ބޭރުގެ މެޑިކަލް އޮފިސަރުންގެ ޓީމަކުން އަންނަނީ ސްޕައިން ޑިސްއޯޑަރސް، ސްޕޯޓްސް މެޑިސިން، އަދި ޖޮއިންޓް ރިޕްލޭސްމަންޓް ފަދަ އުނދަގޫ ފަރުވާތައް ދެމުންނެވެ.
މި ކާމިޔާބީއަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުކޮށްދޭ ކަމަކަށްވާއިރު، ޔާސިން ވަނީ މިފަދަ ބޮޑެތި ބަލިތަކަށް އައިޖީއެމްއެޗުން ފަރުވާ ހޯދުމަށް އެހެން ބަލިމީހުންނަށްވެސް ހިތްވަރު ދީފައެވެ.