ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުން ދިޔަ ނަމަވެސް، ދިވެހި މަސްވެރިންނަށް އެކަމުގެ ބުރަ ނުޖައްސައި، ސަރުކާރުން އެކަން އެންމެ ފުރިހަމައަށް މެނޭޖުކުރަމުންދާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދައުރު ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވީ މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައިވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މަސްވެރިންނަށް މަހަށް ނުކުމެވޭނެ މަގު ކަށަވަރުކޮށްދިނުމަށް ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު މަސްވެރިންނަށް ނުކުރާނެހެން ސަރުކާރުން ކަންކަން ތަރުތީބުކުރަމުންދާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ އެކަން މަސްވެރިންވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ. އަދި ނޫސްތަކުން ޚަބަރު ފަތުރުއްވާއިރު، ހަގީގީ ހާލަތު ބައްލަވައިގެން މަޢުލޫމާތު ފެތުރުއްވުމަށްވެސް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
” ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު އެހާމައްޗަށް އަރައިގެންދިޔަނަމަވެސް ދިވެހި މަސްވެެރިންނަށް އެބުރަ ނުޖައްސާ ސަރުކާރުން މިއަދާ ހަމައަށްވެސް މިގެންދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މަނޭޖުކުރަމުން. އަދި އެކަން މަސްވެރިންވެސް ޝުކުރުވެރިކަމާއިއެކު ބަލައިގަނޭ. ނޫހުގައި ތިފަދަ ހެޑްލައިންއެއް ހައްދަވާއިރު ކަންއޮތްގޮތް ރަނގަޅަށް ބައްލަވާލެއްވިނަމަ ހާދަރަނގަޅުވީހޭ ހިތަށްއަރާ. ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަޖު މުޅިރާއްޖެއަށްވެސް އެންވެެިކަން ރަނގަޅުވާންފެށުމާއި އެކު މަސްވެެރިކަންވެސް އަންނަނީ الله ގެ އިރާދަފުޅުން ވަރަށް ރަނގަޅުވަމުން..” ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ޝިޔާމް ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު، މިހާރު މުޅި ރާއްޖެއަށް އެންވެރިކަން ރަނގަޅުވަމުން އަންނަ ކަމަށެވެ. މީގެ ސަބަބުން މަސްވެރިކަންވެސް އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. އެހެންކަމުން މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް މަސް ގަންނަ ބޯޓުފަހަރު ފޮނުވުމުގެ އިންތިޒާމުތައްވެސް ސަރުކާރުން ހަމަޖައްސަމުންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
މީގެ އިތުރުން، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސިނާޢަތުގެ ބައިވެރިންނާއެކު މަޝްވަރާކޮށް، ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މަސްވެރިންގެ ހާލަތު ގާތުން ބަލައި، އެފަރާތްތަކަށް އެންމެ ފައިދާހުރި ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.