ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް، ހާއްސަކޮށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިދުވަސްވަރު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކުރިއަށް އޮތް ޖުލައި މަހުގެ ނިޔަލަށް އިތުރުވުމުގެ ފުރުސަތު ބޮޑެވެ. މި ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، ކައުންސިލްތަކާއި، އަމިއްލަ ޖަމިއްޔާތަކުގެ އިތުރުން ފަރުދީ ފެންވަރުގައިވެސް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެ އެޖެންސީން ވަނީ ބާރުއަޅުއްވާފައެވެ.
ބަލި ފެތުރުން ހުއްޓުވުމަށް އެކި ދާއިރާތަކުން ކުރަންޖެހޭ ކަންކަން އެޗްޕީއޭއިން ވަނީ ތަފްސީލުކޮށްދީފައެވެ. އެގޮތުން:
- ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް: ބަލީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާ ދިނުމާއި، ރަށުތެރޭގައި ބަލި އުޅޭ މިންވަރު މޮނިޓަރުކޮށް ގަވާއިދުން ރިޕޯޓްކުރުން.
- ކައުންސިލްތަކާއި ސްކޫލްތައް: ރަށް ސާފުކުރުމަށް ޓާސްކްފޯސް އެކުލަވާލުމާއި، ކޮންމެ ހަފްތާއަކު އެއްފަހަރު ސްކޫލް ގޯތިތެރެ ބަލައި މަދިރި އާލާވާ ތަންތަން ނައްތާލުން.
- ރިސޯޓްތަކާއި ކޮންސްޓްރަކްޝަން ސައިޓްތައް: މަސައްކަތްކުރާ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމާއި، މުވައްޒަފުން ހޭލުންތެރިކުރުން.
- އާންމު ފަރުދުން: ގޭތެރެއާއި ގޯތިތެރޭގައި ފެންހަރުލާ ތަންތަން ހަފްތާއަކު އެއްފަހަރު ސާފުކުރުމާއި، މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުން.
މީގެ އިތުރުން، މީޑިއާތަކުން ބައްޔާ ގުޅޭ މައުލޫމާތު ފެތުރުމަށާއި، ކުންފުނިތަކުން ރަށްތައް ސާފުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.
އެ އެޖެންސީން އިތުރަށް ވިދާޅުވީ، ޑެންގީން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު މަސައްކަތަކީ މަދިރި އުފެދޭ ތަންތަން ނައްތާލުން ކަމަށެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ޑެންގީ ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ ހުރިހާ އިދާރާތަކަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ އެޖެންސީން ހާމަކުރެއެވެ.