މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް ހަސަން ރަޝީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ހަސަން ރަޝީދަށް ވަނީ މަގާމުގެ ފަތްކޮޅު އަރުވާފައެވެ. މި ރަސްމިއްޔާތުގައި އޭނާއަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިޤްރާރުގައި ހަސަން ރަޝީދު ވަނީ ސޮއިކުރައްވާފައެވެ.
ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. ހަސަން ރަޝީދަކީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި، އޭރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި ރައީސް މުއިއްޒު ހުންނެވިއިރު، އެ ވުޒާރާގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
އާއިލީ ގޮތުން ބަލާއިރު، ހަސަން ރަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. އަދި އޭނާއަކީ މިހާރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާވެސް އާއިލީ ގޮތުން ގާތް ބޭފުޅެކެވެ. ސިޔާސީ މައިދާނަށް ބަލާއިރު، އޭނާ ވަނީ 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގެ ޕީއެންސީ ޕްރައިމަރީގައި ވިލުފުށި ދާއިރާއަށް ވާދަކުރައްވާފައެވެ.
ހަސަން ރަޝީދަކީ ރައީސް މުއިއްޒުގެ ކެބިނެޓް އަލުން އެކުލަވާލެއްވުމަށްފަހު، އެންމެ ފަހުން އައްޔަންކުރެއްވި ވަޒީރެވެ. ސަރުކާރުގެ ކެބިނެޓަށް މި ބަދަލުތައް ގެންނަން ޖެހުނީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މި ބަދަލާއެކު، ރައީސް ވަނީ ބައެއް ވުޒާރާތައް އެއްކޮށްލައްވައި، ކެބިނެޓްގެ ޖުމްލަ އަދަދު ބަންޑާރަނައިބާއެކު 15 އަށް މަދުކުރައްވާފައެވެ.
އިއްޔެ އައްޔަންކުރެވުނު އެހެނިހެން ވަޒީރުންގެ ތެރޭގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ހޯމް މިނިސްޓަރު އަލީ އިހުސާން، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އަދި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ތައުލީމީ، ސިއްހީ، އިގްތިސާދީ އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާތަކަށްވެސް ވަނީ އައު ވަޒީރުން އައްޔަންކުރައްވާފައެވެ.