ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް، މިނިސްޓަރުންގެ ފެންވަރުގައި، މ. ކޮތަންމާގެ މުޙައްމަދު ޙުސައިން ޝަރީފް (މުންދު ޢައްޔަންކުރައްވައިފިއެވެ.
މުޙައްމަދު ޙުސެއިން ޝަރީފް އެ މަޤާމަށް މި އައްޔަންކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި ހީނާ ވަލީދު، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރަކަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.
މުޙައްމަދު ޙުސައިން ޝަރީފަކީ ދައުލަތުގެ މަތީ މަޤާމުތަކެއް ފުރުއްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން މީގެ ކުރިން މުންދު ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި، ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތައް އެކި ދުވަސްވަރު ފުރުއްވާފައެވެ.
ޚާއްޞަކޮށް މުޢާޞަލާތީ ދާއިރާއިން ބަލާއިރު، މުޙައްމަދު ޙުސައިން ޝަރީފް ވަނީ 2005 އިން 2007 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްމަންގެ މަޤާމު އަދާކުރައްވާފައެވެ. އަދި 2007 އިން 2008 އަށް ޕްރެޒިޑެންޝަލް ސްޕޯކްސްޕަރސަންކަމުގެ މަޤާމު ފުރުއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
މުޙައްމަދު ޙުސައިން ޝަރީފް އެންމެ ފަހުން އަދާކުރައްވާފައިވަނީ އެކުވެރި ޢަރަބި ޢިމާރާތަށް (ޔޫ.އޭ.އީ) ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމެވެ.
ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތައް ހާމަކުރުމުގައި އިސްދައުރެއް އަދާކުރައްވާ މި މަޤާމަށް މުންދު ޢައްޔަންކުރެއްވީ، ސަރުކާރުގެ މުޢާސަލާތީ ކަންކަން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ހަލުވިކުރުމުގެ މަޤްސަދުގައެވެ.