މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ހުންނަ ސުނާމީ ބިނާ މައިޒާން ވީރާނާވެފައި އޮތުމަށްފަހު، އެ ތަން މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ނިމިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ކުންފުނިން ބުނި ގޮތުގައި، ސުނާމީ ބިނާ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް މި މަހުގެ ދެވަނަ ދުވަހު ވަނީ އެއްކޮށް ނިންމާލައިފައެވެ. މަސައްކަތް ނިންމާލުމަށްފަހު، އެ ސަރަހައްދު ދިއްލާލައި، ގެނެސްފައިވާ ބަދަލުތަކުގެ ފޮޓޯތައް އެމްޓީސީސީން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
Project Update: K. Male’ Tsunami Binaa Renovation Work
Physical works have been completed on 2nd April 2026.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/BhPgN8w8ja
— MTCC Plc (@MTCCPlc) April 14, 2026
މި މަޝްރޫޢުގެ ދަށުން އެ ސަރަހައްދު ތަރައްގީ ކުރުމަށްޓަކައި، އެ ތަނުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން އަންގާފައިވަނީ ނިމުނު ފެބުރުވަރީ މަހުގެ ނުވަވަނަ ދުވަހުއެވެ.
ސުނާމީ ބިނާ މައިޒާން މަރާމާތު ކުރަން ޖެހުނީ، އެ ތަނުގެ ބިނާގައި ދަބަރު ޖަހައި، މައިޒާނުގެ އެކި ތަންތަން ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައި ވަނިކޮށެވެ. މިއީ މާލޭގެ ހިތްފަސޭހަ ސަރަހައްދެއްގެ ގޮތުގައި ގިނަ ބަޔަކު ބޭނުންކުރަމުން އައި ތަނެކެވެ. ސުނާމީ ކާރިސާއަށް 21 އަހަރު ފުރުނީ މިދިޔަ އަހަރުގެ ޑިސެންބަރު 26 ވަނަ ދުވަހުއެވެ. އެ ބިރުވެރި ކާރިސާގައި ދިވެހީން ދެއްކި އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުން ތައްޔާރުކުރި ސުނާމީ ބިނާ އެންމެ ފުރަތަމަ ބެހެއްޓީ މާލޭ ލޮނުޒިޔާރާތްކޮޅުގައެވެ. ނަމަވެސް ބްރިޖުގެ މަސައްކަތާ ގުޅިގެން އެ ބިނާ ވަނީ މިހާރު ހުރި ސަރަހައްދަށް ބަދަލުކޮށްފައެވެ.
މި މަރާމާތާއެކު ސުނާމީ ބިނާ މައިޒާނަށް ވަނީ އާ ރޯކަމެއް ލިބި، އާންމުންނަށް ހިތްފަސޭހަކަމާއެކު ބޭނުންކުރެވޭނެ ފަދަ މާހައުލެއް ގާއިމުވެފައެވެ.