ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފައިވާ ސުނާމީ ބިނާ މައިޒާން މަރާމާތުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމައިފަ އެވެ.
ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން މި މަސައްކަތް ފަށައިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެމްޓީސީސީން ބުނީ ސުނާމީ ބިނާ މައިޒާން މަރާމާތުކުރުމުގެ ޕިޒިކަލް ހުރިހާ މަސައްކަތެއް މިމަހުގެ 2 ވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ.
އެތަނުގެ މަރާމާތުގެ މަސައްކަތުގެ ތެރެއިން ބިންގަނޑު އަލުން އެއްވަރުކޮށް، ގާ ޖަހާފައިވާއިރު މޫދާ ދިމާލަށް އޮންނަ ފާރުގައި ވަނީ ފެންސު ޖަހައި ރީތިކޮށްފައެވެ.
ކުރިން ލޮނުޒިޔާރާތްކޮޅުގައި ހުރި ސުނާމީ ބިނާ، ކުރީގެ ތިން ރުއް ޕާކު ސަރަހައްދަށް ބަދަލުކުރީ ސިނަމާލެ ބްރިޖު ހަދާށެވެ. އެއީ ޑިސެމްބަރު 26، 2004 ގައި ރާއްޖެ އަށް އެރި ސުނާމީގައި ގެއްލުނު މީހުންނާއި މަރުވި މީހުންގެ އަދަދު ދައްކުވައިދޭ ގޮތަށް ހަދާފައިވާ ބިނާއެކެވެ.