ސަރުކާރުގެ ހިންގުން ހަރުދަނާކުރެއްވުމުގެ ގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާ ގޮތަށް މިއަދު ބޮޑެތި ބަދަލުތަކެއް ގެންނަވައިފިއެވެ.
މި ގެންނެވި ބަދަލުތަކާއެކު، އަލަށް އެކުލަވައިލެއްވި ވަޒީރުންގެ މަޖިލީހަށް މިއަދު ޢައްޔަންކުރެއްވި 12 ވަޒީރުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު މިއަދު މެންދުރުފަހު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންނަށް ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ. ހުވައި ކުރެއްވުމަށްފަހު، ހުރިހާ ވަޒީރުން ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.
މިއަދު ޢައްޔަންކުރެއްވި ވަޒީރުންނާއި އެ ބޭފުޅުންގެ މަޤާމުތަކަކީ:
- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް: މޫސާ ޒަމީރު
- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ: ޢަލީ އިޙްސާން
- މިނިސްޓަރ އޮފް ފޮރިން އެފެއާޒް: އިރުތިޝާމް އާދަމް
- މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް: ޑޮކްޓަރ އިސްމާޢީލް ޝަފީޢު
- މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ: ޤީލާ ޢަލީ
- މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް: މުޙައްމަދު ސަޢީދު
- މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް: ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
- މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން: މުޙައްމަދު އަމީން
- މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް: ޢަބްދުﷲ ރާފިޢު
- މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް: ހީނާ ވަލީދު
- މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް: ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް
- މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ: ޢަލީ ޝަރީފް
މި ބަދަލާއެކު، ޖުމްލަ 15 ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަޙްމަދު އުޝާމްއާއި، އިތުރު ދެ ވުޒާރާއެއްގެ ވަޒީރުންނެވެ.
ރައީސުލްޖުމްހޫރިއްޔާ މި ފިޔަވަޅު އަޅުއްވާފައިވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރައްވައި، ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތައް އެއްފުރާޅެއްގެ ދަށަށް ގެންނަވައި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސް އަދި ފަސޭހަ މަގަކުން ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައެވެ. މި ބަދަލާއެކު ގިނަ ވުޒާރާތަކެއް ވަނީ އެއްކޮށްލެވި، މަސްއޫލިއްޔާތުތައް އަލުން ތަރުތީބު ކުރެވިފައެވެ.