މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި މުދަލުގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 19 އިންސައްތަ އިތުރުވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ މުދާ ގެނައުމުގައި ހުރި ދަތިތައް ހައްލުކޮށް، އައު މަގުތައް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން، ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ 2024 ވަނަ އަހަރުގެ ޖަނަވަރީން މާރޗް މަހުގެ ނިޔަލަށް ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 13.6 ބިލިޔަން ރުފިޔާގެ މުދާ ކަމަށެވެ. ނަމަވެސް، މިއަހަރުގެ އެ މުއްދަތުގައި 16.2 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ ކަމަށާއި، މިއީ ބާޒާރުގެ ޑިމާންޑަށް ބަލާއިރު ލިބުނު ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި ގެނައުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ތިން މަސްދުވަހަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލް ޝިޕްމަންޓްތައް ގެނައުމަށް ޝެޑިއުލް ދަތުރުތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، އަވަށްޓެރި ސްރީލަންކާގެ ބަނދަރުގައި ތާށިވެފައި ހުރި ކޮންޓެއިނަރުތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތްވެސް ބާރުމިނެއްގައި ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“މިދިޔަ ހަފްތާގައި ލަންކާގައި 4241 ކޮންޓެއިނަރު ހުރި. ނަމަވެސް މިހާރު ބަނދަރުގައި އޮތް ބޯޓުތަކާއި މި ހަފްތާގައި އަންނަ ބޯޓުތަކާއެކު، ލަންކާގައި މިހާރު ހުންނާނެ ކަމަށް އަންދާޒާކުރެވެނީ 1741 ކޮންޓެއިނަރު،” ވަޒީރު ވިދާޅުވިއެވެ.
މާލޭ ބަނދަރުގެ ހާލަތާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މިހާރު ބަނދަރުގެ އޮޕަރޭޝަންތައް އާންމު ހާލަތަކަށް ބަދަލުވަމުންދާ ކަމަށެވެ. އެގޮތުން މިވަގުތުވެސް ބަނދަރުގައި އޮތް އުޅަނދެއްގައި 1200 ކޮންޓެއިނަރުގެ މުދާ އެބަހުރި ކަމަށާއި، މި ހަފްތާގެ ތެރޭގައި އިތުރު 2500 ކޮންޓެއިނަރު ރާއްޖެއަށް އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ހާމަކުރެއްވި ތާވަލަށް ބަލާއިރު، އޭޕްރީލް 12 ވަނަ ދުވަހު 500 ކޮންޓެއިނަރު، 13 ވަނަ ދުވަހު 500 ކޮންޓެއިނަރު، އަދި 14 ވަނަ ދުވަހު 1500 ކޮންޓެއިނަރު ރާއްޖެއަށް އައުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށާއި މުދާ ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް އިޤްތިޞާދީ ވަޒީރު ފާހަގަކުރެއްވިއެވެ.