ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރުގައި މިހާތަނަށް ހޯއްދެވި އެންމެ ބޮޑު ކާމިޔާބީއަކީ 500 މިލިއަން ޑޮލަރުގެ ސުކޫކް އަނބުރާ ދައްކައި، ރާއްޖެ ބަނގުރޫޓްވުމުގެ ބިރުން ސަލާމަތްކޮށްދިނުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ވިއްކާފައިވާ ސުކޫކަށް ދައްކަންޖެހޭ ފައިސާ މި މަހުގެ ތިން ވަނަ ދުވަހު ސަރުކާރުން އެއްކޮށް ދައްކާފައިވާ ކަމަށެވެ. މިގޮތުން ޖުމުލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެންމެ ގިނަ ބަޔަކު އުފައްދަމުން ދިޔަ ސުވާލަކީ ރާއްޖެއަށް ދަރަނި ދެއްކިދާނެތޯ އުފެދުނު ސުވާލެވެ. ނަމަވެސް، ދަރަނި ދައްކަން އޮތް ތާރީހަށްވުރެ އެއް ހަފުތާ ކުރިން އެ ފައިސާ ދައްކައި ހަލާސްކުރުމުން އެ ސުވާލުތަކަށް އަމަލީ ގޮތުން ޖަވާބު ދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
“ރާއްޖޭގައި އިންވެސްޓް ކުރަން ތިބި އެތައް ބައިވަރު ފަރާތްތަކަކާއި ކޮމްޕެނީތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އިތުބާރެއް އަދި ޔަގީންކަމެއް އެއީ. ރާއްޖޭގައި އިންވެސްޓް ކޮށްގެން ތިބި ބޭރުގެ އަދި ދިވެހި އިންވެސްޓަރުންނަށް ވެސް މީގެ ސަބަބުން ވަރަށް ބޮޑު އިތުބާރެއް ލިބިގެން ހިނގައްޖެ،” ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ދުނިޔޭގެ މަޝްހޫރު ފައިނޭންޝަލް ނޫސްތަކުން ވެސް މިކަން ފާހަގަކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހާއްސަކޮށް ދުނިޔޭގެ މަސްރަހުގައި ހަނގުރާމަތަކާއި އިގްތިސާދީ ގޮންޖެހުންތައް ހުރި މި ދަނޑިވަޅުގައި، ރާއްޖެ ފަދަ ގައުމަކުން މިހާ ބޮޑު ދަރަންޏެއް ކަނޑައެޅިފައިވާ ވަގުތަށްވުރެ ކުރިން ދެއްކުމަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ބަލައިގަތް ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ސައީދު ވިދާޅުވީ މިއީ ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ކާމިޔާބީއެއް ކަމަށެވެ.