ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު، އަންނަ މެއި މަހުގެ ނިޔަލަށް މިއަދު އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރަން ނިންމީ، ވީހާވެސް ގިނަ ރައްޔިތުންނަށް މި ފުރުސަތުގެ ބޭނުން ހިފުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.
މީގެ ކުރިން ނިންމާފައި އޮތީ ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 18 އަށް އަދި ގޯއްޗަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މާޗް މަހުގެ 5 ވަނަ ދުވަހަށް ހަމަވާ ގޮތަށެވެ. ނަމަވެސް، މިދިޔަ ފެބްރުވަރީ 26 ގައި ސަރުކާރުން ވަނީ އެ މުއްދަތު މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ކުރިން އިތުރުކޮށްފައެވެ. މިއަދު މި ގެނައި ބަދަލާއެކު، އަންނަ މެއި މަހުގެ ނިޔަލަށް މިހާރު ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.
ހައުސިން މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ވަކިން ފޯމު ހުށަހެޅޭ ޚާއްޞަ ކެޓަގަރީތަކަށް ވެސް މިހާރު ވަނީ މުއްދަތު އިތުރުކޮށްދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫޢުން ފްލެޓު ލިބޭނެކަމުގެ ލިޔުން ލިބި، ފްލެޓު ހަވާލުކޮށްފައި ނުވާ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީ.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާ ކެޓަގަރީ.
މީގެ އިތުރުން، “ބިންވެރިޔާ” ޚާއްޞަ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކަށް ވަކިން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތާއި، ފްލެޓެއް އޮތުމުގެ ސަބަބުން ޝަރުތު ހަމަނުވި ފަރާތްތަކުން ފްލެޓް ދޫކޮށް ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ މެއި މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ސަރުކާރުން ކުރިއަށްގެންދާ މި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން 4,000 ފްލެޓު މާލޭގެ ރަށްވެހިންނަށް ޚާއްޞަކޮށްފައިވާއިރު، މާލޭގައި ދިރިއުޅޭ ނަމަވެސް ރަށްވެހިވެފައި ނުވާ މީހުންނަށް 1,500 ފްލެޓު އަދި ބާކީ 2,400 ފްލެޓު ޚާއްޞަ ކުރެވިފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ އެކި ދާއިރާތަކުގެ ޚާއްޞަ ކެޓަގަރީތަކަށެވެ.
ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު އެކި ފަހަރުމަތިން އިތުރުކޮށް، ޝަރުތުތަކަށް ބަދަލު ގެންނާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވީ ނަމަވެސް، ސަރުކާރުން ބުނަނީ މިއީ ވީހާވެސް އިންސާފުވެރިކޮށް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށެވެ.