މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް، ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު އައްޔަންކުރައްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރެއްވި ގޮތުގައި، ފަހުމީ އެމްޑަބްލިއުއެސްސީގެ ބޯޑު މެންބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވީ މިއަދު އެވެ. ފަހުމީ މި މަގާމަށް އައްޔަންކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި އަބްދުލްމަތީން މުހައްމަދު މީގެ ދެ ދުވަސް ކުރިން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ ގޮނޑިއަށެވެ.
ހުސައިން ފަހުމީއަކީ ކުންފުނި ހިންގުމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 1988 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި ތަފާތު އެކި މަގާމުތައް ފުރުއްވާފައެވެ. އެންމެ ފުރަތަމަ ޓްރެއިނީއެއްގެ ގޮތުގައި ސްޓެލްކޯއާ ގުޅިވަޑައިގެންނެވި ފަހުމީ ވަނީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރުކަމާއި، މެނޭޖިންގ ޑިރެކްޓަރުކަން ވެސް ކުރައްވާފަ އެވެ.
ސްޓެލްކޯގެ އެމްޑީކަމުން ވަކިވެވަޑައިގަތުމަށްފަހު، އެންމެ ފަހުން ފަހުމީ ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމެއް ކަމަށްވާ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުގައެވެ.
ފެން ކުންފުނީގެ ހިންގުން ފަހުމީއާ ހަވާލުކުރެވުނުއިރު، އޭނާއަކީ ހަކަތައާއި ފެނުގެ ޚިދުމަތް ދިނުމުގެ ދާއިރާގައި ރާއްޖޭގައި ތިއްބެވި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.