މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ދަށުން، ސެގްމެންޓް 5 ގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފި އެވެ.
އެމްޓީސީސީން ކުރި ޓްވީޓެއްގައި ވިދާޅުވީ، ސެގްމެންޓް 5 ގައި އިމާރާތްތަކާވީ ފަޅީގެ ކާބްސްޓޯން ހަރުކުރުމާއި ސެޓްލްމަންޓް ޓޭންކްތަކުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ކީވޯލް ކޮންކްރީޓް ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މީގެ އިތުރުން، މި ހަފުތާގެ ތެރޭގައި ފެން ހިންދާ ނިޒާމުގެ ކެޗް ފިޓްތަކާއި ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން، އެމްޑަބްލިޔުއެސްސީގެ ނަރުދަމާ އާއި ފެނުގެ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން ސެގްމެންޓް 4 ގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާއިރު، އެ ސަރަހައްދުގެ ޝީޓް ޕައިލް ކުރުމުގެ 84 މީޓަރުގެ މަސައްކަތް މިހާތަނަށް ވަނީ ނިމިފައެވެ.
މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 9 އޭޕްރިލް 2025 ގައި އެމް.ޓީ.ސީ.ސީ. އާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ދަށުން، ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ޖުމްލަ 830 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި، ހަތަރު ލޭނަށް މަގު ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް 380 މީޓަރުގެ ސަރަހައްދެއް ތަރައްޤީކޮށް، އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އަދި މީގެ ކުރިން ބޮޑުތަކުރުފާނު މަގުގެ އެކި ސެގްމެންޓްތަކުގެ މަސައްކަތް ނިންމައި އާންމުންނަށް ވަނީ ބޭނުންކުރަން ފަށާފައެވެ. އެގޮތުން ޖުމްހޫރީ މައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު ފަޅުން ބައެއް ހިއްކައިގެން ހެދި ބައި މިދިޔަ އަހަރުގެ ޑިސެމްބަރުގައި ހުޅުވާފައިވާއިރު، ރަސްމީ ފާލަމުން މަސްމާރުކޭޓާ ހަމައަށް ތަރައްޤީކުރި ބައި މިއަހަރުގެ ފެބުރުވަރީ މަހު ވަނީ ހުޅުވާފައެވެ.
މި މަޝްރޫޢުގެ ތެރޭގައި ތާރު އެޅުމުގެ އިތުރުން، ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، ދުވާރު ހެދުމާއި، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.