މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި\ ހަރަކާތްތައް ރަސްމީކޮށް ފެށީ މިއަދު ހެނދުނު 6:00 ގައެވެ. އެއަރޕޯޓުގެ ޓާރމިނަލް 1 ގެ ކުރިމަތީގައި ބޭއްވި ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއްގައި ދިދަ ނަންގަވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ލަތީފެވެ.

މި ރަސްމިއްޔާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ލަމްޢާންގެ އިތުރުން އިސްވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ. ދިދަ ނެގުމަށްފަހު، އަހަރީ ދުވަހުގެ އުފަލުގައި ޚާއްޞަ ކޭކެއް ފެޅުންވެސް އޮތެވެ.
އަހަރީ ދުވަހުގެ މުނާސަބަތުގައި ކުންފުނީގެ މެނޭޖުމަންޓުން ވަނީ މުވައްޒަފުންގެ އަގުވަޒަންކޮށް، އެކި ޑިޕާޓްމަންޓްތަކަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތްތަކުގައި އިސްވެރިން ވަނީ މުވައްޒަފުންނާ ބައްދަލުކޮށް، ދުވަހުގެ ތަހުނިޔާ ބަދަލުކުރައްވައި، މަސައްކަތުގައި ސާބިތުވެ ތިބުމަށް ހިތްވަރު ދެއްވާފައެވެ.

މިއަދުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ހަވީރު ވަނީ ޚާއްޞަ ސައެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އަހަރީ ދުވަހާ ގުޅިގެން ބޭއްވި އެކި މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށް، ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކުރިއެވެ. އެގޮތުން، އަހަރީ ދުވަހުގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތުން އެއްވަނަ ހޯދި މުވައްޒަފަށާއި، ޑިޕާޓްމަންޓްތައް ޒީނަތްތެރިކުރުމުގެ މުބާރާތުން އެއްވަނަ ހޯދި ޑިޕާޓްމަންޓަށް އިނާމު ދެއްވީ އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދެވެ.
ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި ބެލެވޭ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 60 އަހަރު ފުރުން ފާހަގަކުރިއިރު، އެއަރޕޯޓް އިތުރަށް ތަރައްޤީކޮށް ޚިދުމަތްތައް ފުޅާކުރުމުގެ ބިޔަ މަޝްރޫޢުތަކެއް ސަރުކާރުން މިހާރުވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.