މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލާއި ގޭހުގެ ޝިޕްމަންޓުތައް ތާވަލުކޮށްފައިވާ ތާރީޚުތަކަށް ބަދަލެއް ނެތި ލިބެމުންދާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޔަގީންކަން ދެއްވައިފިއެވެ.
އީރާނާއި އިސްރާއިލާއި އެމެރިކާ ހިމެނޭ ގޮތަށް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް ދިރާސާކޮށް ހައްލު ހޯދުމަށް ސަރުކާރުން ވަނީ ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފައެވެ. އެ ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދިޔަ ހަފުތާ ބަންދުގެ ތެރޭގައި ސާފުނުކުރާ ތެލު، ނުވަތަ ކްރޫޑް އޮއިލްގެ އަގަށް ހެޔޮ ބަދަލެއް ފެނިގެން ދިޔަ ކަމަށެވެ.
ނަމަވެސް، ސާފުކޮށްފައިވާ ތެލުގެ، ނުވަތަ ރިފައިންޑް ތެލުގެ، އަގަށް ހެޔޮ ބަދަލެއް މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ނާންނަ ކަމަށް ވިދާޅުވިއެވެ. ޒަމީރު ވިދާޅުވި ގޮތުގައި، ހަނގުރާމަ ފުރިހަމައަށް ހުއްޓިފައި ނުވާތީ ސާފުތެލުގެ އަގަށް ލޮޅުން ނާންނަ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ހޯމަ ދުވަހުގެ ހިސާބަށް ދާއިރު ސާފުތެލުގެ އަގަށް ހެޔޮ ބަދަލެއް ލިބިދާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް ގެންގުޅުއްވާ ކަމަށެވެ.
“ހަނގުރާމަ ހުއްޓިފައި ނެތީމަ ދަތިތަކެއް ހުރި ކަމަށް ގަބޫލު ކުރެވޭ. ނަމަވެސް އަންނަ ހަފްތާ ހޯމަ ދުވަހަށް ދިޔައިރު ސާފު ތެލުގެ އަގަށް ހެޔޮ ބަދަލެއް ލިބޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ،” ޒަމީރު ވިދާޅުވިއެވެ.
ތެލާއި ގޭހުގެ ޝިޕްމަންޓުތަކުގެ ތަފްސީލު
ހަމަ މި ބައްދަލުވުމުގައި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ތެލާއި ގޭހުގެ ޝިޕްމަންޓުތައް ލިބޭ ތާރީޚުތައް ސަރުކާރަށް ކަށަވަރުވެ ލިބިފައިވާ ކަމަށެވެ. ސަޢީދު ހިއްސާ ކުރެއްވި ތަފްސީލަށް ބަލާއިރު،
ޑީސަލްގެ ޝިޕްމަންޓެއް ރާއްޖެ ލިބޭ ތާރީޚުތަކަކީ:
- ޑީސަލް: އޭޕްރީލް 12، އޭޕްރީލް 19 (ހޮނިހިރު)، އަދި އޭޕްރީލް 24. މީގެ އިތުރުން މެއި މަހުގެ 7 އަދި 15 ވަނަ ދުވަހުވެސް ޝިޕްމަންޓްތައް ލިބޭނެއެވެ.
- ޕެޓްރޯލް: އޭޕްރީލް 19 (ހޮނިހިރު) އަދި އޭޕްރީލް 27. އަދި މެއި 18، ޖޫން 2 އަދި ޖޫން 21 ގައިވެސް ޝިޕްމަންޓްތައް ލިބުމަށް ވަނީ ތާވަލުކުރެވިފައެވެ.
- ގޭސް: މި މަހުގެ 22 ނުވަތަ 23 ހިސާބުގައި ގޭހުގެ ޝިޕްމަންޓެއް ލިބޭނެއެވެ.
މިނިސްޓަރު ސަޢީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އައި ނަމަވެސް، މި ސަރުކާރުން ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް ނެތެވެ.
“ކުރިއަށް އޮތް 10 ދުވަހަށް ބަލާއިރު ޑީސެލްގެ އަންނާނެ ކަމަށް ބެލެވެނީ އޭޕްރިލް 12، އޭޕްރިލް 18، އޭޕްރިލް 24، މޭއި 7 އަދި މޭއި 15 ޝިޕްމެންޓް ޝެޑިއުލް ކުރެވިފަވަނީ. ޕެޓްރޯލަށް ބަލާއިރު އޭޕްރިލް 18، އޭޕްރިލް 27، މޭއި 15، ޖޫން 2، އަދި ޖޫން 21. މިހެން ގޮސް ޝެޑިއުލެއް އެބަ އޮތް. އެލްޕީޖީއަށް ބަލާއިރު، އޭޕްރިލް 22 އަދި 23 ހިސާބުގައި ޝިޕްމެންޓްތަކެއް އެބަހުރި.” މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިމަތިވެދާނެ މިފަދަ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި “ގައުމީ ތެލުގެ ރިޒާވެއް” ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާކަންވެސް މިނިސްޓަރު ހަނދާންކޮށްދެއްވިއެވެ.