،ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބެލެނިވެރިންނަށް ވެސް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫއުގެ އުސޫލު އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ވިދާޅުވީ، ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން “ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ” ގެ ދަށުން ވަކިން ފްލެޓަށް ކުރިމަތިލާ ފަރާތްތަކަށް، ނުވަތަ ހާއްސަ ހާލަތުގައި ތިބި ފަރާތްތަކުގެ ބަދަލުގައި އެ ފަރާތްތަކުގެ ބެލެނިވެރިންނަށް ވެސް ކުރިމަތިލެވޭ ގޮތަށް އުސޫލު ބަދަލުކުރުމުގެ މަސައްކަތް ވުޒާރާއިން ކުރަމުންދާ ކަމަށެވެ.
މި ބަދަލު ގެންނަން ނިންމީ، ހާއްސަ އެހީއަށް ބޭނުންވާ ބައެއް ފަރާތްތަކަށް ފޯމު ހުށަހެޅުމާއި ޕޯޓަލް ބޭނުންކުރުން ފަދަ ކަންކަން ކުރުމަށް ދަތިތަކެއް ހުރުމުންނެވެ. ބެލެނިވެރިންނަށް ވެސް ހުށަހެޅޭ ގޮތަށް ހެދުމުން، ހާއްސަ ހާލަތުގައި ތިބި ފަރާތްތަކަށް ފްލެޓް ހޯދުމުގެ ފުރުސަތު ފަހިވެ، ބޯހިޔާވެހިކަމުގެ ހިދުމަތް ހޯދުމަށް ދިމާވާ ހުރަސްތައް ކުޑަވެގެންދާނެ ކަމަށް ވުޒާރާއިން ދެކެއެވެ.
ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، “ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ” ގެ ދަށުން ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ޕޯޓަލް މެދުވެރިކޮށް ހުޅުވާލައިފައިވާ ކަމަށް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 23:59 ކަމަށް ވުޒާރާއިން ވަނީ ބަޔާންކޮށްފައެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ، މިދިޔަ ފެބްރުއަރީ މަހު ވުޒާރާއިން ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކެޓަގަރީގެ ޝަރުތުތަކަށް ބަދަލު ގެނެސްފައެވެ. ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަވީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް، މާލޭގައި ދިރިއުޅެން ޖެހޭ ދިގު މުއްދަތު ކުޑަކުރި ކަމެވެ. ކުރިން ދިގު މުއްދަތެއް ހޭދަކޮށްފައި ހުންނަން ޖެހޭ ގޮތަށް ހަމަޖެހިފައި ހުރި ނަމަވެސް، ފެބްރުއަރީ މަހު ގެނެވުނު ބަދަލާ އެކު، މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން ގެންދަވަނީ ހާއްސަ ހާލަތުގައި ތިބި ފަރާތްތަކަށް ބޯހިޔާވެހިކަމުގެ ފުރުސަތު ހޯދައިދިނުމަށް ހާއްސަ ސަމާލުކަމެއް ދެއްވަމުންނެވެ.