ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންނަ މަހު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
މި ދަތުރުފުޅާ ގުޅޭގޮތުންނާއި، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް، ޚާއްސަކޮށް މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މިހާރު ވަނީ މަޝްވަރާތައް ފަށާފައެވެ.
ސްރީލަންކާގެ “ޑެއިލީ މިރާ” ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސް މުއިއްޒުގެ މި ދަތުރުފުޅަށް ތައްޔާރުވުމުގެ ގޮތުން ލަންކާގެ ފިޝަރީޒް މިނިސްޓަރު ރާމަލިންގަމް ޗަންދުރަސޭކަރް އާއި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ވަނީ އެ ގައުމުގެ ޕާލަމަންޓް ކޮމްޕްލެކްސްގައި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.
އެ ނޫހުން ރިޕޯޓްކުރިގޮތުގައި އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މަސްވެރިކަމުގެ ސިނާއަތުން އިންވެސްޓްމަންޓްގެ އާ ފުރުސަތުތައް ހޯދުމާ ގުޅޭގޮތުންނެވެ. ލަންކާގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެކުއަޓިކް އެންޑް އޯޝަން ރިސޯސަސްއިން ހާމަކުރި ގޮތުގައި، ރާއްޖޭގެ ތާޒާ މަހުގެ ވަސީލަތްތަކާއި ލަންކާގައި ގާއިމުވެފައިވާ ދަޅުމަސް ބަންދުކުރާ ސިނާއަތް ގުޅުވާލައިގެން އާ އުފެއްދުންތަކެއް ބާޒާރަށް ނެރުމުގެ މުހިންމުކަމާ ބެހޭގޮތުން ދެ ފަރާތުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވިއެވެ.
މީގެ އިތުރުން، ސްރީލަންކާގައި މަސް ބަންދުކޮށް، ވެލިއު އެޑެޑް ނުވަތަ އގު އިތުރުކުރި މަހުގެ އުފެއްދުންތައް ދިވެހި ބާޒާރަށް ފޯރުކޮށްދިނުމަށް ދެ ގައުމުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. މިހާރު ސްރީލަންކާގެ ބައެއް އުފެއްދުންތައް ދުބާއީ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަމުންދާއިރު، އެ ތަކެތި ސީދާ ލަންކާއިން ރާއްޖެއަށް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.
ރައީސް މުއިއްޒު ލަންކާއަށް ކުރައްވާ މި ދަތުރުފުޅުގެ މަޝްވަރާތައް ކުރިއަށްދާއިރު، އެ މަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ސައޫދީ އަރަބިއްޔާގެ ސަރުކާރުގެ މެހުމާންދާރީގައި އުމްރާގެ އަޅުކަން އަދާކުރެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފައެވެ. އަންނަ މަހު ލަންކާއަށް ކުރައްވާ ދަތުރުފުޅަކީ ދެ ގައުމުގެ ވިޔަފާރިއާއި އިގްތިސާދީ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވާނެ ދަތުރުފުޅެއް ކަމަށް ލަންކާއިން އުއްމީދުކުރެއެވެ.