މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލްމަތީން މުހައްމަދު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މަތީން މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި މަތީން ވިދާޅުވީ ސަރުކާރުގެ ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން އޭނާ މިއަދު ވަކިވެވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް، ވެރިކަން ކުރާ ޕީއެންސީގެ ހަރަކާތްތަކުގައިވެސް އިސްކޮށް އުޅުއްވާ މަތީން، މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެ އެވެ.
އިލެކްޓްރިކަލް އިންޖީނިއަރިންގ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ މަތީންއަކީ ރާއްޖޭގެ ޔޫޓިލިޓީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެންމެ ފުރަތަމަ ސްޓެލްކޯއިން މަސައްކަތް ފެއްޓެވުމަށްފަހު، އެކި ޔޫޓިލިޓީ ކުންފުނިތަކުގައި އޭނާ ވަނީ އިސް މަގާމުތައް ފުރުއްވާފައެވެ. މީގެ އިތުރުން، ރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތަކުގައިވެސް މަތީން ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
މަތީން މިއަދު އިސްތިއުފާ ދެއްވާފައިވާއިރު، ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސްވެރިންވެސް ދަނީ މަގާމުން ވަކިވަމުންނެވެ. އެގޮތުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މެނޭޖިން ޑިރެކްޓަރު ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރުވެސް މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި މީގެ ފަސް ދުވަސް ކުރިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާންވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ސަރުކާރުގެ ކުންފުނިތަކަށް އަންނަ މި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ވިދާޅެއް ނުވެއެވެ.