ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާންގެ މެންބަރުކަމުގެ ޝަރުތު އުނިވެ، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ހުކުމް ކުރީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލައިގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އިއްވެވި ރައުޔަށް، ބެންޗުގައި ތިއްބެވި އެހެން ހުރިހާ ފަނޑިޔާރުން ވަނީ ތާއީދު ކުރައްވައިފައެވެ. ފަނޑިޔާރުންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ޣާލިބް ސަލީމް ކިޔާ މީހެކެވެ. އޭނާ މި މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކާފައިނުވާތީއެވެ.
މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުމާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅުނު ފުރަތަމަ މައްސަލައެވެ. މި މައްސަލާގައި ޣާލިބް އެދިފައިވަނީ، ހުކުމާ އެއްގޮތަށް ސާބިތު ދަރަނި ނުދައްކާ ހުރުމަކީ މަޖިލިސް މެންބަރުކަމުގެ ޝަރުތެއް އުނިވާ ކަމަކަށްވާތީ، ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، މެންބަރެއްގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި ނުދައްކާނަމަ، އެ މީހަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ޝަރުތު ހަމަވާ މީހެއް ނޫނެވެ. ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ މި ހުކުމާއެކު ސިނާންގެ މެންބަރުކަން ވަނީ މިއަދުން ފެށިގެން ނިމުމަކަށް އައިސްފައެވެ.