މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ފަރުހަތު މިފްކޯގެ އިސްވެރިޔާގެ މަގާމުން އިސްތިއުފާ ދެއްވިކަން “ވަގުތު” އަށް ކަށަވަރުވެފައިވީ ނަމަވެސް، އޭނާ މަގާމުން ވަކިވެވަޑައިގަތީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވެއެވެ. ފަރުހަތު މި މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ މާރިޗް މަހުގެ 5 ވަނަ ދުވަހު އެވެ.
މި ސަރުކާރު އައިފަހުން މިފްކޯގެ ހިންގުމަށް ވަނީ އެކި ބަދަލުތައް އައިސްފައެވެ. އެގޮތުން މި ސަރުކާރުގައި އެންމެ ފުރަތަމަ އެ ކުންފުނީގެ ސީއީއޯގެ މަގާމަށް އައްޔަންކުރެއްވީ ސަމާހު ރަޝީދެވެ. ނަމަވެސް 2024 ވަނަ އަހަރުގެ މެއި މަހު އޭނާ މަގާމުން ވަކިކުރެއްވުމާ ގުޅިގެން، ކުންފުނި ހިންގުމަށް ބިދޭސީ ސީއީއޯއެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފެށިއެވެ.
އެ މަސައްކަތުގެ ދަށުން 2024 ޖޫން މަހު ފުރަތަމަ އިއުލާން ކުރި ނަމަވެސް، އެކަށީގެންވާ ފަރާތެއް ކުރިމަތިނުލުމުން ސެޕްޓެމްބަރު މަހު ދެވަނަ ފަހަރަށް އިއުލާން ކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2024 ޑިސެމްބަރުގައި އެ މަގާމަށް ޑރ. ވިޓާލީ ލިއުބިމޮވް އައްޔަންކުރިއެވެ. އެހެންނަމަވެސް، މިދިޔަ އަހަރުގެ މާރިޗް 3 ގައި ވިޓާލީ ވެސް ވަނީ މަގާމުން ވަކިކުރައްވާފައެވެ. އޭގެ ދެ ދުވަސް ފަހުން މަގާމާ ހަވާލުވެވަޑައިގަތީ މިހާރު އިސްތިއުފާ ދެއްވި ފަރުހަތު ޝަހީރެވެ.
1993 ވަނަ އަހަރު އުފެއްދި މިފްކޯއަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ސަރުކާރު ހިއްސާވާ ކުންފުންޏެވެ. ފަރުހަތު އިސްތިއުފާ ދެއްވުމާ ގުޅިގެން ކުންފުނި ހިންގުމުގެ ޒިންމާ ވަގުތީ ގޮތުން ހަވާލުކުރާނެ ފަރާތެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.