މިދިޔަ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން، ރަށްރަށުގެ ކައުންސިލް ރައީސްކަމުގެ ގޮނޑިތަކުގެ ތެރެއިން އެންމެ ގިނަ ގޮނޑި ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، ސިޓީތައް ނުހިމަނައި ރަށްރަށުގެ ކައުންސިލް ރައީސްކަމުގެ 74 ގޮނޑި ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. އިދިކޮޅު އެމްޑީޕީއަށް މި އިންތިހާބުގައި ކާމިޔާބު ކުރެވުނީ 71 ރަށުގެ ކައުންސިލް ރައީސްކަމެވެ. މިއާއެކު ދެ ޕާޓީގެ ދެމެދުގައި އޮތީ އެންމެ ތިން ގޮނޑީގެ ތަފާތެކެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރެއްވި 31 ކެންޑިޑޭޓަކު ކައުންސިލް ރައީސްކަމުގެ ގޮނޑި ކާމިޔާބު ކުރެއްވިއިރު، އެމްޑީއޭއަށް 4 ގޮނޑި، އަދި ޖުމްހޫރީ ޕާޓީއާއި ދަ ޑިމޮކްރެޓްސްއަށް ކޮންމެ ޕާޓީއަކަށް 1 ގޮނޑި ލިބިފައިވެއެވެ.
ޕީއެންސީން އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ ކ. އަތޮޅާއި އއ. އަތޮޅުންނެވެ. އެ ދެ އަތޮޅުން ކުރެ ކޮންމެ އަތޮޅަކުން އެ ޕާޓީން 7 ގޮނޑި ނެގިއެވެ. އެމްޑީޕީއަށް ކ. އަތޮޅުން އެއްވެސް ގޮނޑިއެއް ލިބިފައި ނުވާއިރު، އއ. އަތޮޅުން އެ ޕާޓީއަށް ލިބުނީ އިންތިހާބަކާ ނުލައި ކަށަވަރުވި އއ. ބޮޑުފޮޅުދޫގެ ގޮނޑި އެކަންޏެވެ.
އެމްޑީޕީން އެންމެ ގިނަ ގޮނޑި ހޯދީ ށ. އަތޮޅާއި ރ. އަތޮޅުންނެވެ. އެއީ ކޮންމެ އަތޮޅަކުން 8 ގޮނޑިއެވެ. މީގެ އިތުރުން ހދ. އަތޮޅާއި ނ. އަތޮޅުން 7 ގޮނޑި، އަދި މ. އަތޮޅުން 6 ގޮނޑި އެ ޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ.
އެހެން ޕާޓީތަކަށް ބަލާއިރު، އެމްޑީއޭއިން ގޮނޑިތައް ކާމިޔާބުކުރީ ނ. ކުޑަފަރީ، ދ. ހުޅުދެލި، ދ. ބަނޑިދޫ އަދި ދ. މީދޫންނެވެ. ޖުމްހޫރީ ޕާޓީން އދ. މާމިގިލީގެ ގޮނޑި ކާމިޔާބުކުރިއިރު، ޑިމޮކްރެޓްސްއަށް ގޮނޑި ލިބުނީ ވ. ތިނަދޫންނެވެ.
ވޯޓުގެ އިންސައްތައަށް ބަލާއިރު، ސިޓީތައް ނުހިމަނައި ޕީއެންސީން ވަނީ 63,297 ވޯޓު ހޯދާފައެވެ. އެއީ ޖުމްލަ ވޯޓުގެ 44.24 އިންސައްތައެވެ. އެމްޑީޕީއަށް ލިބުނީ 51,340 ވޯޓެވެ. އެއީ 35.80 އިންސައްތައެވެ. އަމިއްލަ ކެންޑިޑޭޓުން 18 އިންސައްތަ ވޯޓު (25,815 ވޯޓު) ހޯދާފައިވެއެވެ.
ޖުމްލަ 10 އަތޮޅެއްގެ ކައުންސިލް ރައީސް މެޖޯރިޓީ ޕީއެންސީން ހޯދިއިރު، އެމްޑީޕީއަށް މެޖޯރިޓީ ލިބުނީ 6 އަތޮޅަކުންނެވެ. ބާކީ ހުރި އަތޮޅުތަކުގެ ގޮނޑިތައް ދެ ޕާޓީގެ މެދުގައި ވަނީ ހަމަހަމަވެފައެވެ.
ސިޓީތަކުގެ ނަތީޖާ
ރަށްރަށުގެ ނަތީޖާ ޕީއެންސީއަށް ބުރަވި ނަމަވެސް، ސިޓީތަކުގެ ނަތީޖާއިން ބޮޑު ތަނުން ކުރި ހޯދާފައިވަނީ އެމްޑީޕީއެވެ. މާލެ، ކުޅުދުއްފުށި، ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ މޭޔަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި އެމްޑީޕީން 33,311 ވޯޓު ހޯދިއިރު، ޕީއެންސީއަށް ލިބުނީ 20,107 ވޯޓެވެ. މިއާއެކު އެމްޑީޕީން ވަނީ ފަސް ސިޓީގެ މޭޔަރު ގޮނޑިއާއި ކައުންސިލްގެ މެޖޯރިޓީ ކާމިޔާބުކޮށްފައެވެ.
މި އިންތިހާބުގެ ނަތީޖާއިން ފާހަގަކުރެވުނު އަނެއް ކަމަކީ، ޕީއެންސީން ކުރިން އެމްޑީޕީގެ ތާއީދު ބޮޑުކޮށް އޮތް ގިނަ ރަށްރަށެއްގެ މެޖޯރިޓީ ހޯދާފައިވުމެވެ. އަދި ބައެއް ރަށްރަށުގެ ހުރިހާ ގޮނޑިއެއްވެސް ވެރިކަން ކުރާ ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ.