ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން “އާއިލީ ބޯހިޔާވަހިކަން” އަށް ކުރިމަތިލާއިރު، މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތުކުރުމަށްޓަކައި ނޮތަރައިޒްކޮށްފައިވާ އެފިޑެވިޓްގެ އިތުރުން އެހެން ރަސްމީ ލިޔެކިޔުންތައް ވެސް ބަލައިގަންނާނެ ކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ކުރި އެކްސް (ޓުވިޓާ) ޕޯސްޓެއްގައި ވިދާޅުވީ، މާލޭގައި ދިރިއުޅެފައިވާ ގޭގެ ވެރިފަރާތުންދޭ ނޮތަރައިޒްކޮށްފައިވާ އެފިޑެވިޓް ނޫން ލިޔެކިޔުމަކުން ވެސް މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތުވާނަމަ، ނޮތަރައިޒްކޮށްފައިވާ އެފިޑެވިޓް ހުށަހަޅާކަށް ނުޖެހޭނެ ކަމަށެވެ. މިއީ ފްލެޓާއި ބިމަށް އެދި ހުށަހަޅާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
“މާލޭގައި ދިރިއުޅެފައިވާ ގޭގެ ެރިފަރާތުންދޭ ނޮތަރައިޒްކޮށްފައިވާ އެފިޑެވިޓް ނޫން ލިޔެކިޔުމަކުން މާލޭގައި ދިރިއުލުނު މުއްދަތު ސާބިތުވާނަމަ ނޮތިރައިޒްކޮށްފައިވާ އެފިޑެވިޓް ހުށަހަޅާކަށް ނުޖެހޭނެ.” މިނިސްޓްރީއިން ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރުން ކުރިއަށްގެންދާ “ބޯހިޔާވަހިކަން އެންމެންނަށް” ޕްރޮގްރާމުގެ ދަށުން، ކުރީގެ ހިޔާ ނުވަތަ ވެށިފަހި މަޝްރޫއުން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފްލެޓް ހަވާލުނުކުރެވި ހުރި ފަރާތްތަކަށް ޚާއްސަ ކެޓަގަރީއަށް އެޕްލައި ކުރާއިރު، ފްލެޓް ލިބޭނެ ކަމުގެ ލިޔުން އަތުގައި ނެތް ނަމަ، އެކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ.
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ޕްރޮގްރާމްގެ ދަށުން ފްލެޓުތައް ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 15 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ އިތުރުން މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓު އަދި މާލޭގައި ރަށްވެހިވެފައިނުވާ ނަމަވެސް މާލޭގައި ދިރިއުޅޭ ފަރާތްތަކަށް 1,500 ފްލެޓު ވަނީ ކަނޑައަޅާފައެވެ.
މާލޭގެ ރަށްވެހިންނަށް ޚާއްސަ ކުރި 4,000 ފްލެޓު ބަހާލާފައިވާ ގޮތަކީ:
- މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައިވާ ފަރާތްތަކަށް: 2,200 ފްލެޓު
- ވިލިމާލޭގެ ގެއެއްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް: 300 ފްލެޓު
- މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް: 1,000 ފްލެޓު
- ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވި ފަރާތްތަކަށް: 500 ފްލެޓު
މީގެ އިތުރުން ކަނޑައަޅާފައިވާ 15 ކެޓަގަރީތަކަކީ:
- 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިންނަށް: 100 ފްލެޓު
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް: 100 ފްލެޓު
- ޒުވާނުންނަށް: 250 ފްލެޓު
- ޓެކްސީ ޑްރައިވަރުންނަށް: 50 ފްލެޓު
- ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް: 200 ފްލެޓު
- ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް: 100 ފްލެޓު
- މަސްވެރިންނަށް: 100 ފްލެޓު
- މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް: 50 ފްލެޓު
- ވެށިފަހި ނުވަތަ ހިޔާ މަޝްރޫއުން ފްލެޓު ލިބޭނެކަމުގެ ލިޔުން ލިބި، ފްލެޓު ހަވާލު ނުކުރާ ފަރާތްތަކަށް: 500 ފްލެޓު
- ބޯހިޔާވަހިކަމެއް ނެތި ދިރިއުޅޭ ފަގީރު އާއިލާތަކަށް: 50 ފްލެޓު
- ދިވެހި ފުލުހުންނަށް: 100 ފްލެޓު
- އެމްއެންޑީއެފަށް: 100 ފްލެޓު
- ދިވެހި ސިވިލް ސާވިސް މުވައްޒަފުންނަށް: 200 ފްލެޓު
- މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް: 100 ފްލެޓު
- ހާއްސަ އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް: 400 ފްލެޓު
މި މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުގެ ރޭގަނޑު 23:59 އެވެ. ބޯހިޔާވަހިކަމުގެ މި ބޮޑު މަޝްރޫއަކީ މި ސަރުކާރުން ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.