ހެލްތު މިނިސްޓަރުގެ މަގާމުން އަބްދުﷲ ނާޒިމް އިބްރާހީމް އިސްތިއުފާ ދެއްވައިފި އެވެ.
ނާޒިމް މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ވަރަށް ގިނަ މިނިސްޓަރުން މަގާމުން އިސްތިއުފާ ދެއްވަމުންދާ ދަނޑިވަޅެއްގަ އެވެ.
މިގޮތުން، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް އިބްރާހީމް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް މަގާމުން ވަކިކޮށްފައިވާ ކަމަށް ‘ހިރިޔާ’ އަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިނިސްޓަރުންގެ އިތުރުން ބައެއް ކުންފުނި ތަކުގެ މެނޭޖިން ޑައިރެކްޓަރުންނަށް ވެސް ބަދަލު ގެނެސްފައެވެ. އެގޮތުން، އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސެއިން ދީދީ އާއި ފެނަކަގެ މެނޭޖިން ޑިރެކްޓަރު ކަމުން މުހައްމަދު ނަޖާހް ވަނީ ވަކިކޮށްފަ އެވެ. އަދި ޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް ހުސައިން ފަހުމީ މިއަދު ވަނީ އައްޔަނުކޮށްފަ އެވެ.