މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، ސެގްމެންޓު 5 ގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ދެމެދު ކުރިއަށްދާ މި ސެގްމެންޓުގެ 143 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލް ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.
މީގެ އިތުރުން، މަގު ހެދުމުގެ އަމަލީ މަސައްކަތުގެ ތެރެއިން ކުއޭ ވޯލް ޖެހުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފެށުމަށް ވަނީ ތާވަލުކުރެވިފަ އެވެ. އަދި އެންކަރ ބްލޮކް އިންސްޓޯލް ކުރުމާއި، ކޭބަލް ޓްރެންޗް ހެދުމުގެ އިތުރުން، ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް އެ ކުންފުނީން ބުނެ އެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މި މަޝްރޫޢަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ދަށުން، ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ޖުމްލަ 830 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި، މަގު ފުޅާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް 380 މީޓަރުގެ ސަރަހައްދެއް ތަރައްޤީކޮށް، އާންމުންނަށް ވަނީ ހުޅުވާލާފަ އެވެ. މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދުވެސް ފަރުމާކޮށްފައިވަނީ ހަތަރު ލޭނަށް މަގު ފުޅާވާނެ ގޮތަށެވެ. 9 އޭޕްރިލް 2025 ގައި އެމް.ޓީ.ސީ.ސީ. އާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ، މި މަޝްރޫއުގެ ތެރޭގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، ދުވާރު ހެދުމާއި، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެ އެވެ.
ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގައި، އެންމެ ފުރަތަމަ ނިންމީ ޖުމްހޫރީމައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ. އެ ސަރަހައްދު ނިންމައި ހުޅުވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުއެވެ. ދެ ވަނަ ސެގްމެންޓުގައި، ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ތާރުއަޅާ މަގު ހެދުމުގެ މަސައްކަތް ނިންމައި އެ ސަރަހައްދު ހުޅުވީ މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގަ އެވެ.