ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރަކަށް ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ފަރާތުން ވާދަކުރެއްވި މޫސާ އަލީ ޖަލީލް، އޭނާއަށް ތާއީދުކޮށް ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.
އެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި، ޕާޓީގެ ލީޑާޝިޕްގެ އިތުރުން މެންބަރުން ދެއްވި އެއްބާރުލުމަށް މޫސާ އަލީ ޖަލީލް ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ. އޭނާ ވިދާޅުވީ، މާލޭގެ ރައްޔިތުން އޭނާއަށް ކުރެއްވި އިތުބާރާއި ދެއްވި ތާއީދު އަބަދުވެސް ޝުކުރުވެރިކަމާއެކު ހަނދާން ބަހައްޓަވާނެ ކަމަށެވެ.
އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމެވެ. މޫސާ އަލީ ޖަލީލް ވަނީ އާޒިމްގެ އިތުރުން، މި އިންތިހާބުގައި ކާމިޔާބީ ހާސިލްކުރެއްވި ހުރިހާ ކެނޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައެވެ.
އޭނާ ވަނީ ރާއްޖެއަށާއި ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖެވެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާ ކުރައްވާފައެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކަންކަން ކުރިއަށްދިޔަ އިރު، ސަރުކާރުގެ އިސްވެރިންނާއި ޕާޓީގެ އާއްމު މެމްބަރުން ވަނީ ޕީއެންސީގެ ކެނޑިޑޭޓަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން އެމްޑީޕީގެ ކިއްލާތައް ފުނޑުފުނޑުކޮށް އެމްޑީޕީ ކައުންސިލް އޮތް ރަށްތަކުންވެސް ޕީއެންސީން ވަނީ ކާމިޔާބީ ހޯދާފަ އެވެ.