ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި ބަލިތަކުން ރައްކާތެރިވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ބިނާވެފައިވަނީ ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. .
ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައި ޞިއްޙީ ދާއިރާގެ ކުރިމަގާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގައި ރާއްޖެއިން ހޯދި ކާމިޔާބީއަކީ ސައިންސަށް ބަރޯސާވުމުގެ މުހިއްމުކަން ހާމަވެގެންދިޔަ ހެއްކެއް ކަމަށެވެ. އަދި މިހާރުވެސް ސަރުކާރުގެ އަމާޒަކީ ސައިންސްގެ އަލީގައި ޞިއްޙީ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިގޮތުން، ޕްރައިމަރީ ހެލްތު ކެއަރ އާއި ޕްރިވެންޓިވް ކެއަރގެ ޚިދުމަތްތަކުގެ އިތުރުން، ދުންފަތުގެ ވަބާއިން ރައްޔިތުން ސަލާމަތްކުރުމަށާއި، ގައިންގަޔަށް ނާރާ ބަލިތައް ދުރާލާ ދެނެގަތުމަށް ކުރެވޭ މަސައްކަތްތައް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެންޓި މައިކްރޯބިއަލް ރެސިސްޓެންސްއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ޓީ.ބީ އަދި އެޗް.އައި.ވީ ފެތުރުން ހުއްޓުވުމަށް އެކުލަވާލާފައިވާ ސިޔާސަތުތަކަކީވެސް މެޑިކަލް ސައިންސްގެ ހޯދުންތަކަށް ބިނާވެފައިވާ ކަންކަން ކަމުގައި ވަޒީރު ވިދާޅުވިއެވެ.
“ޞިއްޙީ ރެކޯޑްތައް ބެލެހެއްޓުމާއި، ޓެލެމެޑިސިން އަދި ޓެލެހެލްތުގެ ޚިދުމަތްތައް ފުޅާކުރުމުގައިވެސް އަޅުގަނޑުމެން ބަލަނީ ސާބިތުހިފޭ ސައިންޓިފިކް ހޯދުންތަކަށް،” ވަޒީރު ނާޒިމް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު އިސްކަމަކީ ޞިއްޙީ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމާއި، ރައްކާތެރިކަން ކަށަވަރުކުރުން ކަމަށާއި ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ އިސް ސިޔާސަތެއް ކަމަށެވެ.
ޞިއްޙީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުކުރުމަށްޓަކައި، އައު ޓެކްނޮލޮޖީއާއި ވަޞީލަތްތައް ހޯދުމުގެ އިތުރުން، ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށް ސަރުކާރުން ކުރާ ހޭދަ އިތުރުކުރަމުންދާނެ ކަމުގެ ޔަޤީންކަންވެސް ވަޒީރު ދެއްވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ނިޒާމަކީ ޒަމާނީ މެޑިކަލް ސައިންސްއާއި ޒަމާނީ ވަޞީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ އަދި ޒަމާނީ ތަޢުލީމާއި ތަމްރީނުން ޤާބިލުކަން ހޯދާފައިވާ ޚިދުމަތްތެރިން މަސައްކަތްކުރަމުން އަންނަ ހަރުދަނާ ޞިއްޙީ ނިޒާމެއްކަމަށާއި ރާއްޖޭގައި ބަލިތަކުން ދިފާޢުވުމާއި، ބައެއް ބަލިތައް އެއްކޮށް ނައްތާލުމާއި ބޭސްފަރުވާ ކުރުމުގައި ފަހުގެ ތާރީޚުގައި ހޯދާފައިވާ ކާމިޔާބީތަކާއި ކުރިއެރުމުގެ ޙަޤީޤީ ސިއްރަކީ، މެޑިކަލް ސައިންސް އާއި ސާބިތުހިފޭ ފަންނީ މަޢުލޫމާތަށް އިތުބާރުކޮށް އަހުލުވެރިވެ އެ އުޞޫލުން ޚިދުމަތްތައް އިންތިޒާމުކޮށްފައިވާ ކަމަށެވެ..
“ގައިންގަޔަށް ނާރާ ބަލިތަށް ދުރާލާ ދެނެގަތުން، އެންޓި މައިކްރޯބިއަލް ރެސިސްޓެންސް އިން އަރައިގަތުން، ޓީ.ބީ އާއި އެޗް.އައި.ވީ ފެތުރުން ހުއްޓުވުން އަދި ބަލިތަކުން ރައްކާތެރިވުމަށް ބޭ ހާއި ވެކްސިން ދިނުން، ޞިއްޙީ ރެކޯރޑްތައް އެއްކުރުމާއި ބެލެހެއްޓުން، ޓެލެމެޑިސިން އާއި ޓެލެހެލްތު ފަދަ ހުރިހާ މަސައްކަތަކާއި އެކަންކަމާގުޅޭ ސިޔާސަތުތައް ބިނާވެގެންވަނީ ސާބިތުހިފޭ މެޑިކަލް ސައިންސްގެ ހޯދުންތަކުގެ މައްޗަށް.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖޭގެ ޞިއްޙީ ނިޒާމަކީ ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި ކުރިއަރަމުންދާ، ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތް ނިޒާމަކަށް ހެދުމަށް އިންވެސްޓްކުރުމަކީ ދާއިރާގެ މައިގަނޑު އަމާޒުކަމުގައި ވިދާޅުވަމުންނެވެ.