ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސައިންސްގެ ބޭނުން ހިފުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ދުނިޔޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ގުޅިފައިވާ މަސައްކަތްތަކެއް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
މި ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސިއްހީ ދާއިރާއިން ނިންމާ ނިންމުންތަކާއި އެކުލަވާލާ ސިޔާސަތުތަކަކީ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ކަންކަމަށް ހަދަންޖެހޭ ކަމަށެވެ. މިކަން ކަށަވަރުކުރުމަށްޓަކައި ސިއްހީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ “ވަން ހެލްތު” ނުވަތަ އެއް ސިއްހަތެއްގެ ސިޔާސަތަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އިންސާނުންނާއި، ޖަނަވާރުން އަދި ތިމާވެށީގެ ދުޅަހެޔޮކަމަކީ ބަދަހިކޮށް ގުޅިފައިވާ ކަންކަމަށްވާއިރު، ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން މި އުސޫލުގެ މައްޗަށް ބިނާކުރުން މުހިންމެވެ.
“ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން ވަރުގަދަކޮށް، “ވަން ހެލްތު” ސިޔާސަތުގެ އަސާސަކީ ސައިންސްގެ މައްޗަށް ބިނާވެފައިވާ ގޮތްތައް ކަމުގައި ވާންޖެހޭ. “ވަން ހެލްތު” އަކީ އިންސާނުންނާއި، ޖަނަވާރުންނާއި، ތިމާވެށީގެ ދުޅަހެޔޮކަމަކީ އެކަތި އަނެކައްޗާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަންކަން ކަމަށް ދެކިގެން މަސައްކަތް ކުރާ ސިޔާސަތެއް.” ރައީސް ވިދާޅުވިއެވެ
ރާއްޖޭގެ ސިއްހީ ދާއިރާއަށް ގެންނަވަމުންދާ ބަދަލުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސަރުކާރުން އިސްކަންދެނީ ސައިންޓިފިކް މައުލޫމާތުގެ އެހީގައި ސިއްހީ ހިދުމަތްތައް ތަރައްގީކުރުމަށް ކަމަށެވެ. މިގޮތުން ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް، މައުލޫމާތު ފޯރުކޮށްދޭ ނިޒާމުތައް އެކުލަވާލުމާއި، ބަލިތައް ދުރާލައި ދެނެގަނެ ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ސިއްހަތު ދުވަހުގެ މިއަހަރުގެ ޝިއާރު ކަމުގައިވާ، “ސިއްހަތަށްޓަކައި އެކުގައި، އަދި ސައިންސާ އެކު ސާބިތުވެ ތިބުމަށް” މި ޝިއާރުގެ ދަށުން މަސައްކަތް ކުރުމަށް ރައީސް ވަނީ ރައްޔިތުންނަށް ގޮވާލައްވާފަ އެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް މި މުނާސަބަތުގެ ތަހުނިޔާ އެމަނިކުފާނު ވަނީ ފޮނުއްވާފަ އެވެ.