މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ އަސަރު ދިވެހިރާއްޖެއަށް ކުޑަކުރުމަށްޓަކައި، ދައުލަތުން އަޅަމުންދާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.
ޕީޖީ އިން ހާމަ ކުރިގޮތުގައި މި ބަދަލުތަކަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން 31 މޭ 2026 ގެ ނިޔަލަށެވެ.
މި މުއްދަތުގެ ތެރޭގައި ޕީޖީ އޮފީހުގެ ހިންގުމަށް ގެނައުމަށް ހަމަޖެހިފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:
- ވޯކް ފްރޮމް ހޯމް: ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާ ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
- އޮންލައިން ބައްދަލުވުންތައް: ރަސްމީ ހުރިހާ ބައްދަލުވުންތަކެއް އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
- ކަރަންޓު އިސްރާފު ކުޑަކުރުން: އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކޮށް، ކަރަންޓު ބޭނުންކުރާ މިންވަރު ދަށްކުރުމަށް ފިޔަވަޅުތައް އެޅުން.
- ކަރުދާސް ބޭނުންކުރުން މަދުކުރުން: އޮފީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް، ކަރުދާހަށް ކުރާ ހޭދަ ކުޑަކުރުން.
- ވެހިކަލް ބޭނުންކުރުން: އޮފީސް ވެހިކަލްތައް ބޭނުންކުރާ މިންވަރު މަދުކޮށް ތެލުގެ ޚަރަދު ކުޑަކުރުން ހިމެނެއެވެ.
ޕީޖީ އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، އަންގާރަ ދުވަހު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރި ނަމަވެސް، އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މުހިންމު މަސައްކަތްތަކަށް މުވައްޒަފުން ހާޒިރުވާނެއެވެ. އަދި ކޯޓު އަޑުއެހުންތަކަށް އެއްވެސް ބުރުލެއް ނާރާނެހެން ގަވާއިދުން މުވައްޒަފުން ހާޒިރުވާނެ ކަމުގެ ޔަޤީންކަން އެ އޮފީހުން ދެއެވެ.:
ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން، މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ވަނީ ބާރުއަޅާފައެވެ. އަދި އޮފީސް ބަންދުކުރާ ގަޑި އިރުއޮއްސި 18:00 އަށް އަވަސްކުރުމަށްވެސް ވަނީ ނިންމާފައެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ މި ސިޔާސަތަކީ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް، ތިމާވެއްޓާ ރައްޓެހި އަދި ޚަރަދު ކުޑަ ނިޒާމެއް ގާއިމުކުރުމަށް ކުރިއަށްދާ މަސައްކަތުގެ ބައެއްކަމަށް އެ އޮފީހުން ބުނެއެވެ.
މި ބަދަލުތަކުގެ ސަބަބުން ޢާންމުންނަށް ނުވަތަ އެކި އިދާރާތަކަށް ދޭ ޚިދުމަތްތަކަށް އެއްވެސް ލަސްކަމެއް ނާންނާނެކަމުގެ ޔަޤީންކަން ޕީޖީ އޮފީހުން ދެއެވެ. އަދި ޚިދުމަތްތައް އަވަސްކުރުމަށްޓަކައި online.pgo.mv ޕޯޓަލް މެދުވެރިކޮށް ޚިދުމަތް ހޯއްދެވުމަށް އެންމެހައި ރައްޔިތުންނަށް އެ އޮފީހުން އިލްތިމާސްކުރެއެވެ.