ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޖާހު މިއަދު އެ މަގާމުން ވަކިކޮށްފި އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ނަޖާހު މަގާމުން ވަކިކުރިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، އޭނާ މަގާމުން ވަކިކުރަން ނިންމި ސީދާ ސަބަބެއް އެ ބޯޑުން ހާމަކޮށްފައެއް ނުވެ އެވެ.
ނަޖާހު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ 23 ޑިސެމްބަރު 2024 ގައެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ދިވެހި ސިފައިންގެ ހިދުމަތުގައި 21 އަހަރު ދުވަހު އުޅުއްވާފައިވާ ނަޖާހަކީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
އޭނާގެ މެނޭޖިން ޑިރެކްޓަރުކަމުގެ ދަށުން، ފާއިތުވި ދުވަސްތަކުގައި ރަށްރަށުގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މީގެ ތެރޭގައި ކަރަންޓުގެ މައްސަލަ ދިމާވެފައިވާ ރަށްރަށަށް އާ ޖެންސެޓުތައް ފޮނުވުމާއި، ހިދުމަތުގެ ފެންވަަރު މަތިކުރުމަށް ކުރެވުނު މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.
ސަރުކާރުން ފެނަކަ ހިންގުން ހަރުދަނާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައި، ކުންފުނީގެ އިސްވެރިޔާ މަގާމުން ވަކިކުރުމަކީ ކުންފުނީގެ ހިންގުމަށް އަންނާނެ ބޮޑު ބަދަލެކެވެ.